އޯޓިޒަމް ކުދިން“ އަދި ”އޯޓިޒަމް“ މި ބަސްތަކަކީ މިހާރު ބައެއް ފަރާތްތަކުން ފުރައްސާރަކުރުމަށާއި އެހެން މީހުން ދަށްކޮށްލުމަށް ބޭނުންކުރާ ބަސްތަކަކަށް ވެފައިވާކަން ފާހަގަކުރެވެއެވެ. މިއީ މަދު ބައެއްގެ ޢަމަލެއް ކަމުގައިވީ ނަމަވެސް، މިއީ ނުހަނު ސީރިއަސް އަދި ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. މިކަމުގެ ސަބަބުން އުފެދޭ ނޭދެވޭ އަސަރުތައް ވަރަށް ފުންނާބު އުސްވެގެންވެއެވެ.
އޯޓިޒަމްއަކީ އެކި މީހުންނަށް އެކި މިންވަރަށް ކުރިމަތިވާ ނިއުރޯޑިވެލޮޕްމެންޓަލް ޙާލަތެކެވެ. މި ޙާލަތުގައި ހުންނަ ފަރާތްތަކަށް އިޖްތިމާޢީ މުޢާމަލާތްތަކުގައި ދަތިތަކާ ކުރިމަތިލާންޖެހޭ އިރު، ބައެއް ފަރާތްތަކަށް ވަކި ދާއިރާއަކުން ޚާއްޞަ ހުނަރުތަކެއް ލިބިގެންވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މި ޙާލަތުގައި ތިބޭ ކުދިންގެ ވިސްނުމާއި ސިކުނޑި އެހެން ކުދިންނާ ތަފާތު ގޮތަކަށް މަސައްކަތްކުރާތީ، އެ ކުދިންނަށް އިތުރު ސަމާލުކަމާއި އެހީތެރިކަން ބޭނުންވެއެވެ. ނަމަވެސް، މިއިން އެއްވެސް ހާލެއްގައި އެ ކުދިންނަކީ އެހެން ކުދިންނަށްވުރެ ވިސްނުން ދަށް ބައެއް ކަމަކަށް ނުބެލެވޭނެއެވެ.
މިހާރުގެ މުޖުތަމަޢުގައި، ކުޑަ މިންވަރަކަށް ނަމަވެސް ތަފާތު ވިސްނުމެއް ގެންގުޅޭ ނުވަތަ މަޑުމައިތިރި ސިފައެއް ހުންނަ މީހަކަށް ”އޯޓިސްޓިކް“ ކަމަށް ބުނެ މަލާމާތްކުރާ މަންޒަރު ފެންނަމުންދާކަން ހިތާމައާއެކު ފާހަގަކުރަމެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން އޯޓިޒަމް ޙާލަތުގައި ތިބޭ ފަރާތްތަކަށް ކުރިމަތިވާ ނަފްސާނީ ގޮންޖެހުންތައް އިތުރުވެ، އެ ފަރާތްތަކުގެ އިޖްތިމާޢީ ބައިވެރިވުން ހަނިވެގެންދެއެވެ. މީގެ އިތުރުން، މުޖުތަމަޢުގައި އެ ފަރާތްތަކާމެދު ނުރަނގަޅު ތަސައްވުރެއް އުފެދި، އޯޓިޒަމްއާ ގުޅޭ ޞައްޙަ މަޢުލޫމާތު ފެތުރުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ.
އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިފަދަ ނާޒުކު މައްސަލަތަކާ ގުޅޭގޮތުން ޖޯކުޖަހައި ފުރައްސާރަކުރުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. މިއީ ޒިންމާދާރުކަން ކުޑަ، އިޙްތިރާމް ކުޑަ ޢަމަލެކެވެ. މި މައްސަލައާ ގުޅޭގޮތުން ހުރިހާ އުމުރުފުރައެއްގެ މީހުން ހޭލުންތެރިކުރުވައި، އޯޓިޒަމްއާ ގުޅޭ ޞައްޙަ މަޢުލޫމާތު ފެތުރުމަކީ މުހިންމު ކަމެކެވެ. މިގޮތުން، އަޅުގަނޑުމެން އެންމެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުގެ މި ހިޔާލުގައި ހިއްސާ ކޮށްލާނަމެވެ.
1. ހޭލުންތެރިކަން އިތުރުކުރުން: ސްކޫލުތަކާއި މަސައްކަތުގެ މާޙައުލުގައި އޯޓިޒަމްއާ ގުޅޭ ޞައްޙަ މަޢުލޫމާތު ފެތުރުމަށް ޕްރޮގްރާމްތައް ހިންގުން.
2. ބައިވެރިވުން އިތުރުކުރުން: އޯޓިޒަމް ޙާލަތުގައި ތިބޭ ފަރާތްތަކަށް މުޖުތަމަޢުގެ އެކި ދާއިރާތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުން.
3. ޤާނޫނީ ރައްކާތެރިކަން: އޯޓިޒަމް ޙާލަތުގައި ތިބޭ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުން.
4. އާއިލާތަކަށް އެހީތެރިވުން: އޯޓިޒަމް ޙާލަތުގައި ތިބޭ ކުދިންގެ އާއިލާތަކަށް ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދިނުން.
5. މީޑިއާގެ ދައުރު: މީޑިއާގައި އޯޓިޒަމްއާ ގުޅޭ ކަންކަން ހުށަހަޅާއިރު ޒިންމާދާރު އަދި އިޙްތިރާމާއެކު ހުށަހެޅުމަށް ބާރުއެޅުން.
6. ތަޢުލީމީ ނިޒާމު ހަރުދަނާކުރުން: ސްކޫލުތަކުގައި އިންކްލޫސިވް އެޑިޔުކޭޝަން ތަޢާރަފުކޮށް، އޯޓިޒަމް ޙާލަތުގައި ތިބޭ ކުދިންނަށް އެކަށީގެންވާ ތަޢުލީމު ލިބޭނެ މަގު ތަނަވަސްކުރުން.
ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ، އޯޓިޒަމްއަކީ ބަލިމަޑުކަމެއް ނޫނެވެ. އެއީ ތަފާތު ގޮތަކަށް ވިސްނައި، ދުނިޔެ ދެކޭ ގޮތެކެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހުރިހާ ފަރާތްތަކަކަށް ހަމަހަމަ ފުރުޞަތުތަކެއް ލިބި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ މާޙައުލެއް ޤާއިމުކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. އޯޓިޒަމް ޙާލަތުގައި ތިބޭ ފަރާތްތަކަކީވެސް މުޖުތަމަޢުގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަނެ، އެ ފަރާތްތަކުގެ ޤާބިލުކަމާއި ހުނަރުތައް ފާހަގަކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އިޖްތިމާޢީ ވާޖިބެކެވެ.

