އެއާޕޯޓުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް ކަސްޓަމްސް އިން ޗެކް ކުރި އިރު، ސިނގިރެޓް ކާޓަން ތަކެއް ފެނުނު މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން މައުލޫމާތު ދެމުން ކަސްޓަމްސްއިން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ޓަރމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް ބަލައި ފާސްކުރި އިރު، ސިނގިރެޓް ކާޓަން ތަކެއް ފެނުނު މައްސަލައެއް ތަހުޤީޤު ކުރަމުންދާ ކަމަށެވެ.
އަތުލައިގަތީ ކިތައް ކާޓަން ކަމެއް އަދި ފުލުހުން ނުވަތަ ކަސްޓަމްސް ވެސް ހާމަކޮށްފައި ނުވެއެވެ.
މި ސަރުކާރުން ވަނީ ދުންފަތާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގަައި ވޭޕް މަނާ ކޮށްފައިވާއިރު، ސިނގިރޭޓު ނުވަތަ ބިޑި އުފައްދަން ބޭނުންކުރާ ފިލްޓަރާ އެއްކޮށް ނުވަތަ ވަކިން ނަމަވެސް ރޯލްކޮށްފައި ހުންނަ ހުސް ޓިއުބާއި ހުސް ފޮށި، އަދި އެ ބޭނުމަށް ބޭނުންކުރާ އާލާތްތައް އެތެރެކުރުން ވެސް ވަނީ މަނާކޮށްފައެވެ.

