ބަންގްލަދޭޝްގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ޑރ މުޙައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މި ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ ޑރ މުޙައްމަދު ޔޫނުސްއަށް ތަހުނިޔާ ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު، އެ ޤައުމުގެ 54 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ އިޚުލާސްތެރިކަމާއެކު އެޤައުމުގެ ރައްޔިތުންނަށްވެސް ފޮނުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދު އޮންނަ އަޚްވަންތަކަމުގެ ގުޅުން ފާހަގަކުރައްވައި ދެޤައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާފައިވެއެވެ. އަދި ދިވެހިރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމާއި އެކުވެރިކަން ފާހަގަކުރައްވާފައިވެއެވެ.
ދިވެހިރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު ސިޔާސީގުޅުން ޤާއިމުކޮށްފައި ވަނީ 22 ސެޕްޓެންބަރު 1978ގައެވެ.

