ސްކޭމްތަކުން ރައްކައުތެރިވުމާއިމެދު ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން ޅ ކުރެންދޫގައި މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން އާންމުކޮށްފައިވާގޮތުން އެ މުއައްސަސާއިންވަނީ ޅ ކުރެންދޫގެ ރައްޔިތުންނާއި ބައްދަލުކޮށް މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން އެ ރަށުގެ ޕޮލިސް ސްޓޭޝަން މެދުވެރިކޮށް ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށަް ގެންގޮސްފައެވެ. މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގައިކަމަށްވާއިރު ހަވީރުގެ ވަގުތުތަކުގައި ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ ތެރެއިން ރަށުގެ އެކި ސަރަހައްދުތަކަށް ފުލުހުން ޒިޔާރަތްކޮށްފައިވާކަން ހިއްސާކޮށްފައިވެއެވެ.
މި ހަރަކާތުގެ ތެރެއިން ފުލުހުންވަނީ ރަށުގެ ރައްޔިތުންނާއި އެންޓި ސްކޭމް ސެންޓަރުގެ މައުލޫމާތުތައް ހިއްސާކޮށްފައިކަމަށްވާއިރު ސްކޭމްތަކުގެ ރައްކައުތެރިވެތިބުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ހޭލުންތެރިކުރެވިފައިވާކަން ފާހަގަކޮށްފައިވެއެވެ.
ކުރެންދޫގައި ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ ތެރެއިން ރަށުގެ ފިހާރަތަކަށް ޒިޔާރަތްކޮށް ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދީފައިވާކަމަށްވެސް ބުނެފައިވެއެވެ. އަދި ވައްކަމާއި ފޭރުމުގެ މައްސަލަތަކުން ރައްކައުތެރިވުމަށާއި އެފަދަ އެއްވެސް މައްސަލައެއް ހިނގައިފިނަމަ ވީއެންމެ އަވަހަކަށް ފުލުހުންނަށް ރިޕޯޓުކުރުމަށް ނަސޭހަތްތެރިވެފައިވާކަމަށްވެސް ބުނެފައިވެއެވެ.

