ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ފައިދާއަށްޓަކައި މަސައްކަތް ކުރުމަކީ އެމްޑީޕީގެ ސިފައެއް ނޫން: މުހައްމަދު އަލީ

ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު އަލީ/ ފޮޓޯ: ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ބަލައިގަނެ، އެމަނިކުފާނަށް ރައްޔިތުން ކުރާ ތާއީދާއި އިތުބާރު ފެނި އެމްޑީޕީއަށް ހަޖަމު ކުރަން އުނދަގޫވާކަމަށް ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި މުހައްމަދު އަލީ ވިދާޅުވީ، ރައްޔިތުންނަށް މަންފާވެ އުފަލުގައި އުޅޭ މަންޒަރު ދެކެން އެމްޑީޕިއަށް އަބަދުވެސް އުނދަގޫވާކަމަށެވެ. އަދި އިތުރު އެހެން ވެރިއެއްގެ ފަރާތުން ސަރުކާރެއް ރަނގަޅަށް ހިންގަމުންދާ މަންޒަރު ބަލަން ހަޖަމު ކުރަން ދަތިވާކަމަށް ވިދާޅުވި އެވެ.

މުހައްމަދު އަލީ ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގައި ރައްޔިތުންނަށް ވަރަށް ގިނަ ކަންކަން މަގުފަހި ކުރަމުންދާކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި އެތައް ހަޑިތަކެއް ހާވާފައި ހުރުމުގެ ސަބަބުން ސަރުކާރުން އެކަން ރަނގަޅު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އެންމެން ވެސް ބަލައިގަންކަމަށް ވިދާޅުވި އެވެ.

ގޯސްކޮށް އަޅާފައިވާ އެތައް ފިޔަވަޅެއް ރަނގަޅުކޮށް، ގައުމުގެ އިގްތިސާދު ކޮޅަށް ޖަހައި ރައްޔިތުން ގެނަންނަން ބޭނުންވި ބަދަލު ފެންނަން ފެށުމާއި އެކު އެމްޑީޕީ ބޭނުން ވަނީ ވެރިކަން ވައްޓާލައި އެ ޕާޓީގެ ދައުރެއް ގާއިމު ކުރަންކަމަށް މެމްބަރު ވިދާޅުވި އެވެ.

އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކޮށް މުހައްމަދު އަލީ ވިދާޅުވީ އެމްޑީޕީ އަބަދުވެސް ބޭނުން ވަނީ އެހެން ބަޔަކު ކަންކަން ރަނގަޅު ކުރުމުން އޭގެ ފޮނި މީރުކަން ހޯދަންކަމަށެވެ. އަދި ރައްޔިތުންގެ ފައިދާއަށްޓަކައި މަސައްކަތް ކުރުމަކީ އެމްޑީޕީގެ ސިފައެއް ނޫންކަމަށް ވިދާޅުވި އެވެ.

ބަޔަކު ކަންކަން ރަނގަޅު ކުރީމައި، އޭގެ ފޮނި މީރުކަން ހޯދަން އުޅޭ ބައެއް އަބަދުވެސް އެމްޑީޕީއަކީ.. އެހެންވީމަ އެ މީހުން އެއްވެސް މަސައްކަތެއް ނުކުރާނެ ރައްޔިތުންގެ ފައިދާއަކަށް.. އަމިއްލަ ފައިދާ އިސް ކުރާނީ..

މީގެއިތުރުން އެމްޑީޕީގެ ސަރުކާރާއި ގުޅޭގޮތުން މުހައްމަދު އަލީ ވިދާޅުވީ، އޭރުގެ އިސް ވެރިން ހިންގާފައިވާ އެތައް ނޭދެވޭ އަމަލުތަކުން ރައްޔިތުންނަށް އޭގެ ގެއްލުންވެފައިވާކަމަށެވެ. އަދި ރާއްޖެގެ މާލީ ހާލަތު ގޯސްވެ، ދަރަނިވެރި ކުރުވާފައިވާއިރު ކޮރަޕްޝަނަށް މަގުފަހިވާ އެތައްކަމެއް ވެސް ސަރުކާރުގެ ތެރޭގައި ހިންގާފައި އެބަހުރިކަމަށް ވިދާޅުވި އެވެ.

މުހައްމަދު އަލީ ވިދާޅުވީ އެމްޑީޕީ ބޭނުން ވަނީ ރައްޔިތުންނާއި ސަރުކާރަށް ޖެއްސުން ކުރުންކަމަށާއި ރަމަޟާން މަހެއްގައި މަގުތަކަށް ނިކުމެ ވިޔަފާރިތަކަށް ދަތި ކުރުމަށް ވުރެ މިސްކިތުގައި ނަމާދު ކުރުން ވެސް މާ ރަނގަޅުކަމަށެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާކަމަށް ދެކެވޭ ވާހަކައަށް ވެސް، މެމްބަރު ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ފައިދާއަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކަށް ތާއީދު ކުރާނެކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން އެއްވެސް ބިލެއް ފޮނުވައި، އިތުރު ބަދަލެއް ގެނެސްގެން ނުވާނެކަމަށް ބުނެ އެއްވެސް ނުފޫޒެއް ފޯރުވާފައި ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: