ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތަކީ އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ހަދާފައި ހުރި އެތައް ގޯހެއް ރަނގަޅު ކުރުންކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި އައިފާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު އެމަނިކުފާނު އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ކުރިމަތިލާން ޖެހުނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ކަމަށެވެ. އައިފާން ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް މާލީ ހާލަތު ގޯސް ނުވާ މިންވަރަށް ދަށަށް ގޮސްފައި އޮތް އިގްތިސާދެއް ކޮޅަށް ޖެހުމަށްޓަކައި ރައީސް މުއިއްޒު ގިނަ މަސައްކަތްތަކެއް ކުރަން އޭރު އޮތްކަމަށެވެ.
އައިފާން ވިދާޅުވީ އެމްޑީޕީގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ގައުމު ވެއްޓިފައި އޮތީ ފުން އަނދަވަޅަކަށްކަން ރައްޔިތުން ވެސް ގަބޫލު ކުރާނެކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި އެގްޒެކެޓިވް އެކި ބާރުތަކާއި އިދާރާތަށް އޮތް އިރު ރައީސުލްޖުމްހޫރިއްޔާ އެކަނި ގައުމު ހިންގަވާނެ ގޮތެއް ނެތްކަމަށް އައިފާން ވިދާޅުވި އެވެ.
އެމްޑީޕީން ހަދާފައި ހުރި ގޯސްތައް ރަނގަޅު ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވެސް ބޮޑުކަން ފާހަގަކޮށް އައިފާން ވިދާޅުވީ، އެ މަސައްކަތުގައި މިހާތަނަށް ރަނގަޅު ކުރިއެރުންތައް ލިބިފައިވާކަމަށެވެ. އަދި އެންމެން ގުޅިގެން ހުރިހާ މުވައްސަސާތައް ހިމެނޭ ގޮތަށް ސަރުކާރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާކަމަށް އައިފާން ވިދާޅުވި އެވެ.
އައިފާން ވިދާޅުވީ ރައްޔިތުންގެ މަންފާއަށްޓަކައި ސަރުކާރެއްގެ ހައިސިއްޔަތުން ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާތަކާއި އަލަށް ވުޖޫދު ކުރަން ޖެހޭ ގާނޫނުތައް ހުރިއިރު މަޖިލީހުން އެކަމަށް ދެކޮޅުވެރިވެގެން ވާނެކަމަށް ގަބޫލު ނުކުރާކަމަށެވެ.
އެހެންވީމަ ސަރުކާރުން ރައްޔިތުންގެ ހައްގުގައި ފޮނުވާ ބިލުތައް އެހެން ނޫނީ، ރައްޔިތުންގެ މަންފާއަށް ފޮނުވާ.. މި ގެންނަން ޖެހޭ ބަދަލުތައް.. އެކަންކަން ހިފަހައްޓައި.. ހިފަހައްޓައި ހުރުމުން މީގެއިން ހުރިހާ ގެއްލުމެއް މި ކުރަނީ ރައްޔިތު މީހާއަށް..
އައިފާން ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ހައްގުގައި ފޮނުވާ ބިލުތަކާއި ހުށަހަޅާ އިސްލާހުތަކަށް އެއްބާރުލުން ނުދީ މަސައްކަތް ލަސްކޮށް، ހިފަހައްޓާނަމަ ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ ހައްގުގައި ކުރާ އެއްވެސް މަސައްކަތަކީ، ރަބަރ ސްޓޭމްޕް ޖެހުންކަމަށް އެމްޑީޕީން ދެކުމަކީ ރައްޔިތުންގެ ހައްގުގައި އެ ޕާޓީން ދުވަހަކު ވެސް ވިސްނުމެއް ނުގެންގުޅޭކަން އެނގޭ ހެއްކެއްކަމަށް އައިފާން ވިދާޅުވި އެވެ.
އައިފާން ވިދާޅުވީ ޕީއެންސީގެ މެމްބަރުންގެ ބޮލުގައި ކިތަންމެ ގިނަ ދޮގު ތުހުމަތެއް އެޅުވި ނަމަވެސް އެކަމަށް ސަމާލުކަމެއް ދޭން ބޭނުން ނުވާކަމަށާއި ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުން ރައްޔިތުންނަށްޓަކައި ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ.

