އެމްޑީޕީގެ ސަރުކާރުގައި ރާއްޖެ ދަރަނިވެރި ކުރުވާފައި އޮތް ހާލަތުން އަރައިގަނެ، ގައުމު ބަނގުރޫޓުވިޔަ ނުދީ ހިފަހައްޓައި ކުރިޔަށް ދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތަށް ސެލިއުޓު ހައްގުކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަށްރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި މާލީ ގޮތުން ގައުމަށް ފައިދާ ހުރި އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް ކަމަށެވެ. އަދި ބޮޑެތި އިންޓްރެސްޓު ރޭޓުތަކުގައި ލޯނުތައް ނަގާފައި ހުރި އެ އަނބުރާ ދައްކާނެ ގޮތެއް ނެތިކަން ފާހަގަކޮށް ވިދާޅުވީ މި ސަރުކާރަށް ޖެހިފައި ވަނީ އޭގެ ދަތިތައް ކަމަށެވެ.
އެމްޑީޕީން ފައިސާ ޗާޕު ކުރުމުގެ ސަބަބުން އިންފްލޭޝަނަށް އޭގެ އަސަރުކޮށް، ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ދިޔައިރު މާލީ ހާލަތު މިހާ ދަށަށް ދިއުމުގެ އެ ޒިންމާ އެ ޕާޓީން ނަގަން ބޭނުން ނުވާ ސަބަބެއް ނުވިސްނޭކަމަށް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ ރައްޔިތުންލައްވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަސައްކަތް ކުރުވައި، ދައުރު ނިންމާލީ އެ ފައިސާ ކުންފުނިތަކަށް ދޫނުކޮށް ކަމަށެވެ. އެސްއޯއީތަކުން ބޭނުންވާ އެކި މެޝިނަރީތަކާއި އެހެނިހެން ހިދުމަތް ހޯދައި ފައިސާ ނުދައްކައި ހުރުމުގެ ސަބަބުން ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު އެ ކުންފުނިތައް އޮތީ ބަނގުރޫޓުވާ ހިސާބުގައިކަމަށް މުސްތަފާ ވިދާޅުވި އެވެ.
އެތައް ބިލިއަން ރުފިޔާއެއް އެބައޮތް ދައުލަތުގެ ކުންފުނިތަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދައްކަން.. އެ ފައިސާ ދެއްކުމަށްޓަކައި އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ފައިސާ ދިން.. އެ ފައިސާ މިހާރު ދަނީ ކުންފުނިތަކަށް ދައްކައި ހަލާސް ކުރަމުން، އެއީ ފައިސާ ޗާޕުކޮށްގެންނެއް ނޫން.. އެކަން ކުރަން އޭރު ތިބި ބަޔަކަށް، ނޭނގިގެން ދެން މިހާރު ސަރުކާރުން އެކަން ކުރާތީ މޭކަރައި އެ ވާހަކަ ދައްކާނެ…. މިއަދު ދިވެހި ރައްޔިތުން އެންމެ ބޮޑަށް އުފާ ކުރަން ޖެހޭ ކަމަކީ، ދިވެހި ރާއްޖެ ދަރާފައި އޮތް ދަރަނި.. ބެންކްރަޕްޓު ވިޔަ ނުދީ ދައުލަތެއް ހިފަހައްޓައި ދޭކަން….. އެއީ ދިވެހި ރައްޔިތުން ރައީސް މުއިއްޒަށް ސެލިއުޓު ކުރަން ޖެހޭކަމެއް..
މުސްތަފާ ވިދާޅުވީ އެފަދަ ކުންފުނިތަކަށް ދޭން ހުރި ފައިސާ ދައްކައި ހަލާސް ކުރަމުން ދަނީ ލޯނެއް ނުވަތަ ފައިސާ ޗާޕުކޮށްގެން ނޫންކަމަށެވެ. އެހެންކަމުން އެމްޑީޕީއަށް އެކަން ވެސް އުނދަގޫކަމަކަށް ވެ ސަރުކާރާއި ދެކޮޅަށް މަގުމައްޗަށް ނިިކުތީކަމަށް މުސްތަފާ ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވި ގޮތުގައި ރާއްޖެ ބަނގުރޫޓު ނުވެ ހާލަތު ރަނގަޅު ކުރުމަށް ރައީސް މުއިއްޒު ކުރެއްވި މަސައްކަތްތަކަށް ސެލިއުޓު ހައްގެވެ.
މުސްތަފާ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، އަވަސް ފިޔަވަޅުތައް ނާޅައިފި ނަމަ ރާއްޖެ ބަނގުރޫޓުވެދާނެކަމަށް ބައިނަލްއަޤުވާމީ މަލީ އިދަރާތަކުން ދިޔައީ ރަތް ސިގްނަލްތައް ދެމުން ކަމަށެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް ހާލަތެއް ދިމާ ނުވެ، ރާއްޖެ ކުރިޔަށް ދަނީ ރައީސް މުއިއްޒުގެ ހަރުދަނާ ރަނގަޅު ސިޔާސަތުތަކުގެ ސަބަބުންކަމަށް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ އެމްޑީޕީ އުނދަގޫވެގެން އުޅެނީ، އެ ޕާޓީން ބޭނުންވި ހާލަތު ރާއްޖެއަށް ދިމާ ނުވެ ސަލާމަތްވުން ކަމަށެވެ. އެ ޕާޓީން ބޭނުންވީ ރާއްޖެ ބަނގުރޫޓުވެ އެކަން ސަރުކާރާއި މަތިކޮށް ރައްޔިތުންގެ ހިތުގައި ސަރުކާރާއި މެދު ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށްކަމަށް މުސްތަފާ ވިދާޅުވި އެވެ.
މީގެއިތުރުން މުސްތަފާ ވަނީ 120 ބިލިއަން ރުފިޔާގެ ދަރަނީގެ ސަބަބުން އައި މާލީ ގޮންޖެހުންތައް ވެސް ފާހަގަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުން ހަރަދު ކުޑަ ކުރުމަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ ފެނި ކުރިޔަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށެވެ.

