ކްރިމިނަލް ކޯޓާއި، ޑްރަގު ކޯޓުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އަޅަމުންދާ އިމާރާތުގެ މަސައްކަތް ކުރިޔަށް ދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފި އެވެ.
މިއީ އިމާރާތަކީ ހުޅުމާލޭގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް، ވަގުތީ ހަލެއް ހޯދުމަށް ތައްޔާރު ކުރަމުންދާ އިމާރާތެކެވެ.
ރައީސް މުއިއްޒުގެ މިއަދުގެ ޒިޔާރަތުގައި، ކޯޓު އިމާރާތުގެ ޕްލޭންތައް ބައްލަވާލެއްވި އެވެ. އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިސް ބައެއް ބޭފުޅުންނާއި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވަނީ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބުގެ އެންމެ ފަހުގެ މައުލޫމާތުތައް ރައީސަށް ދެއްވާފަ އެވެ.
ރައީސް މުއިއްޒާއި އެކު ކޯޓުގެ އިމާރާތް ބައްލަވާލެއްވުމަށް ކެބިނެޓު ބައެއް ވަޒީރުންނާއި، ޝަރުއީ ދާއިރާގެ އެކި ބޭފުޅުންގެ އިތުރުން ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގަތެވެ.
ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިއުމެވެ. އެކަމަށް ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލައްވައި ރައީސް މުއިއްޒު ވަނީ ،ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް، މިއަހަރު ފައްޓަވާނެ ކަމުގައި ވިދާޅުވެފަ އެވެ.
ދަޢުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުކަމުގައިވާ ޝަރުޢީ ދާއިރާއަކީ، ރައްޔިތުން އިތުބާރުކުރާ ދާއިރާއަކަށް ހެދުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

