ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ރަމަޟާން މަހެއްގެ ވެސް 27 ވިލޭރޭ، ޙާފިޡުންގެ ދަސްވެނިވުމުގެ ހާއްސަ ޝަރަފުވެރި ޖަލްސާ އޮންނާނެ: މިނިސްޓަރ

ޙާފިޡުންގެ ދަސްވެނިވުން ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ކޮންމެ ރަމަޟާން މަހެއްގެ ވެސް 27 ވިލޭރޭ، ޙާފިޡުންގެ ދަސްވެނިވުމުގެ ހާއްސަ ޝަރަފުވެރި ޖަލްސާ ކުރިޔަށް ގެންދާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ޙާފިޡުންގެ ދަސްވެނިވުމަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި މިފަދަ ފުރަތަމަ ޖަލްސާއެވެ. މިއީ ފަޚުރާއި ޝަރަފްވެރި އަދި ތާރީހުގައި ލިޔެވިގެންދާނެ ޖަލްސާއެކެވެ.

މި ޖަލްސާގައި ދައުލަތުގެ އިސް ބޭފުޅުންނާއި އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަތެވެ.

ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ރަމަޟާން މަހުގެ 27 ވިލޭރޭ ހުޅުވިގެން މިދަނީ އިސްލާމީ ހަޟާރަތުގެ މުޅިން އައު ސޮފުހާއެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިސްލާމީ ފަހުރުވެރި ތާރީހަށް އިތުރުވެގެންދާ ޝަރަފުވެރި ސޮފުހާއެއްކަން ވެސް ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މިއީ ކީރިތި ޤުރުއާން ހިތު ދަސްކޮށް ނިންމައި، އިމްތިހާނުކޮށް ފާސްވެފައިވާ ދަރިވަރުންނަށް ވަކިން ހާއްސަކޮށް ސަރުކާރުގެ ފަރާތުން ވަކި ހާއްސަ ޖަލްސާއެއް ބާއްވައި ދަސްވެނިވުމަށްޓަކައި ޝަރަފުވެރި ހަރަކާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. އެކަމަށް މަގުފަހިކޮށްދެއްވިކަމަށްޓަކައި މިނިސްޓަރ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާފަ އެވެ.

ހުރިހާ ދަރިވަރުންނަށް ވެސް މަރުހަބާ ކިޔުއްވައި، މިނިސްޓަރ ވިދާޅުވީ ކޮންމެ ދަރިވަރަކު ވެސް ހާސިލުކޮށްފައި ވަނީ ވަރަށް މަތިވެރި ޝަރަފެއް ކަމަށެވެ.

މީގެ ކުރިން ވެސް ހާފިޒުންނަށް ރާއްޖޭގައި ސަނދުދޭކަން ފާހަގަކުރައްވައި، ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ މީގެ ކުރިން އެކަން ކުރެވެމުން ދިޔައީ ޤުރުއާން މުބާރާތުގެ ގައުމީ ނަތީޖާ ފާޅުކުރާ ޖަލްސާގައި ތެރެއިން ކަމަށެވެ. އޭގެ ސަބަބުން އެ ޖަލްސާއަށް ދޭން ޖެހޭ ހައްގު ގަދަރު ނުދެވުމައި އެކު، ހާފިޒުންނަށް ވެސް ހާއްސަ ސަމާލުކަމެއް ނުދެވޭކަމަށް ޝަހީމް ވިދާޅުވި އެވެ.

މިއީ މުޅިން ދެކަމެއް.. އެއީ އިނާމު ދިނުމުގެ ޖަލްސާއެއް.. މިއީ މުޅިން ވަކި ޖަލްސާއެއް.. އޭރު އެކަން އެހެން ކުރެވެމުން ދިޔައީ ހާފިޒުން މަދުވީމަ.. ބައެއް ޖަލްސާތަކުގައި އެންމެ މީހަކަށް ނުވަތަ ދެ މީހަކަށް ސަނަދު ދޭ.. އެހެން ނަމަވެސް މީގެ ފަހު އަހަރުތަކުގައި މި ކަންތައްތައް މިވަނީ ބަދަލުވެފައި.. އެހެންވީމަ އަޅުގަނޑުމެން ވިސްނީ ރައީސް މުއިއްޒުގެ އިރުޝާދާއި އެކުގައި މިކަމަށް ސަރުކާރުގެ ފަރާތުން ވަކި ހާއްސަ ހަފްލާއެއް ބޭއްވުމަށް.. އިސްލާމީ ދުނިޔޭގެ ގައުމުތަކުގައި މިރޭގައި މިފަދަ ޖަލްސާތައް ބޭއްވެމުން ދޭ.. ވަކިން ހާއްސަކޮށް އަޅުގަނޑަށް ހަނދާނަށް އަންނަނީ މިސްރުގައި.. ރަމަޟާން މަހުގެ 27 ވިލޭރޭއަކީ މިފަދަ މުހިންމު ހަފްލާއެއް ބޭއްވޭ ރޭ..

މިނިސްޓަރ ވިދާޅުވީ މިހާރު ފެށިގެން މިދިޔަ ރަސްމިއްޔާތާއި އެކު، މިއީ ކޮންމެ ރަމަޟާން މަހުގެ 27 ވިލޭރޭ ދެން ކޮންމެ އަހަރަކު ވެސް ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

މިރޭ މި ޖަލްސާގައި 24 ޙާފިޡުން ދަސްވެނިވެފައިވާއިރު، ޙާފިޡުންގެ ގައުންއަކީ މިކަމަށް ފަރުމާކޮށްފައިވާ ހާއްސަ ގައުންއެއްކަން ފާހަގަކުރެވެ އެވެ. މާލޭ ހުކުރު މިސްކިތުގެ ހިތްގައިމު ޑިޒައިންތައް ހިމެނޭހެން ނުލާއި ރަންކުލައިން ފަރުމާކޮށްފައިވާ މި ގައުންއިން ދައްކުވައި ދެނީ ދިވެހިރާއްޖޭގެ އިސްލާމީ ތާރީހާއި ސަޤާފަތާއި ދިވެހިންގެ މެދުގައިވާ އިސްލާމީ އުޚުއްވަތްތެރިކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: