ސިޔާސީ ހީޔާލު ތަފާތުވުމާއެކީގައި އެ ވާދަވެރިކަމުގެ ތެރެއިން ގޮސް މީހުންގެ ވެސް އަބުރަށް މި އަރައިގަތުމަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދުގެ މުޖްތަމައުގެ ހާލަތަށް އަލިއަޅުއްވަލައްވައި ރައީސް ވިދާޅުވީ، އެންމެންގެ މެދުގައި ކަންކަން އޮތީ ރަނގަޅަށްތޯ ވިސްނައި ފިކުރުކޮށް އަމިއްލަ ނަފުސާއި ސުވާލު ކުރަން ޖެހޭ ކަމަށެވެ. މިއަދުގެ ހާލަތަކީ ރައީސް ވިދާޅުވި ގޮތުގައި އެކަކު އަނެކެއްގެ އަބުރަށް އަރައިގަތުމާއި، ދެބައޮޑުވުމާއި ނެތިމޮށުމުގެ އިތުރުން ދޮގު ވާހަތަކައް ފެތުރުން ފަދަ އެތައް ގޯސް އާދައެއް އަށަގެންފައި އޮތުމެވެ.
އެގޮތުން ސިޔާސީ ހިޔާލުތަފާތުވުންތަކާއި އެކު، އެ ވާދަވެރިކަމުގައި ކޮންމެ މީހެއްގެ ވެސް އަބުރަށް އަރައިގަތުމަކީ އާދައިގެ ކަމެއްގެ ގޮތުގައި މުޖްތަމައު ދެކެން ފަށާފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ކުޑަކުޑަ މުޖްތަމައުއެއްގެ ތެރޭގައި އެކަކު އަނެކެއްގެ އިންސާނީ ކަރާމާތަށް އަރައިގަތުމަކީ ކަންބޮޑުވުމެއްކަމަށާއި މިއީ އިންސާނުން އުޅެން ދަސްކޮށްދެއްވާފައިވާ ގޮތެއް ނޫންކަމަށެވެ.
އަޅުގަނޑުމެންގެ އެކަކު އަނެކަކުގެ އަބުރަށް އަރައިގަންނަނީ… ދެބައޮޑުވަނީ… ނެތި މޮށެނީ…. ދޮގު ވާހަކަތައް އިންތިހާއަށް ފަތުރަނީ…. މިހެން ގޮސް އަޅުގަނޑުމެންގެ ތެރޭގައި ނެތް ކަމެއް ނެތް…. ގޯސް ހުރިހާ އާދައެއް….
ކޮންމެ މީހަކީ ެވސް ކަރާމާތެއް ލިބިގެންވާ މީހަކަށްވާއިރު، ދެން ހުންނަ މީހާ އަނެކައަށް ފުރިހަމައަށް އިހުތިރާމު އަދާކުރަން ޖެހޭކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ތިމާއަށް ވުރެ އަނެކާ ދަށްކަމަށް ދެކި އެ މީހަކާއި ދިމާލަށް ހިތު ހުރި އެއްޗެއް ގޮވުމަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނޫންކަން ފާހަގަކުރެއްވި އެވެ.
ހައްގުތަކާއި އެކު ވަކި ހުދޫދެއް ވެސް އޮންނާނެކަމަށާއި، އިންސާނީ މުޖްތަމައުއެއް އެ ނޫން ގޮތަކަށް ކުރިޔަށް ނުދާނެކަމަށް ރައީސް ވިދާޅުވި އެވެ.

