މި އަހަރު ފިތުރު އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން އެޗްޑީސީން ހާމަކޮށްފިއެވެ.
އެޗްޑީސީން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އެ ކުންފުނިން ވަނީ މި އަހަރުގެ ފިތުރު އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އީދު ފެސްޓިވަލްގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައިކަމަށެވެ. މި ހަރަކާތުގެ ތެރޭގައި ކުޑަ ކުދިންނަށް ހާއްސަ ބައުންސީ ކާސަލް އިވެންޓެއް ކުރިއަށް ދާނެއެވެ. އެހެންކަމުން އެ ދުވަހުގެ ހަވީރު 16:00 އިން 17:45 އާއި ދެމެދު ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ޒިޔާރަތްކުރެއްވުމަށް ދައުވަތު ދީފައިވެއެވެ.
އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ދިއްލާލުން ހިމެނޭއިރު ކުޑަކުދިންގެ ހަވީރު އަދި ޑްރޯން ޝޯއެއްވެސް ބާއްވާނެކަމަށް ބުނެފައިވެއެވެ. އެ ކުންފުނިންވަނީ މި ދުވަސް ފާހަގަކުރުމުގެ ގޮތުން ހަވާއެރުވުމަށް ނިންމާފައިވާކަންވެސް ހިއްސާކޮށްފައެވެ.

