ސްޓޫޑެންޓް ލޯނުތައް ޝަރީއަތާ އެއްގޮތަށް ދޫކުރުމަށް ނިންމުމަކީ ހެޔޮ ނިންމެވުމެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމް މިފަދައިން ވިދާޅުވީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރު ވަނީ ދަރިވަރުންގެ ތައުލީމަށް ސަރުކާރުން ދޫކުރާ ލޯން އިސްލާމީ ޝަރީއާ އެއްގޮތަށް ދޫކުރަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި ވިދާޅުވީ ޒަމާންތަކެއް ވަންދެން ޙައްލުނުވެ އޮތް މި މައްސަލައަށް ޙައްލެއް ލިބިގެން ދިޔަކަމީ ވަރަށް ހެޔޮ ނިންމެވުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދޫކުރާ ލޯނުތައް ޝަރީޢާއާ އެއްގޮތް ކުރުމަށްޓަކައި މުހިންމު ބަދަލުތަކެއް ގެންނަން ނިންމަވާފައިވާ ކަމަށެވެ.
މިގޮތުން އެންމެ މުހިންމު އެއް ބަދަލެއްގެ ގޮތުގައި، މިހާރު ލޯނުތަކުން ނަގަމުންދާ 1 ޕަސެންޓްގެ އެޑްމިނިސްޓްރޭޓިވް ފީ އެއްކޮށް އުވާލުމަށް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، ލޯނުގެ ގޮތުގައި ދޫކުރާ އަދަދުގެ އިތުރުން އެއްވެސް އިތުރު ފީއެއް ނުވަތަ ޗާޖެއް ނުނެގުމަށްވެސް ވަނީ ނިންމަވާފައެވެ.
މި ބަދަލުތަކުގެ ތެރޭގައި، ކުރިން ލޯނު ނަގާފައިވާ ދަރިވަރުންނަށްވެސް ލުޔެއް ލިބިގެންދާނެއެވެ. އެގޮތުން، އެ ދަރިވަރުން ދައްކަން ހުރި ފައިސާގެ ތެރެއިން އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް، ލޯނުގެ ޖުމްލަ އަދަދު އަލުން ހިސާބުކުރެވިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.
މި ބަދަލުތަކަކީ ސަރުކާރުން ދޫކުރާ ލޯނުތައް އިސްލާމީ ޝަރީޢާއާ އެއްގޮތް ކުރުމަށް އަޅުއްވާ މުހިންމު ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ.

