ފިތުރު ޒަކާތް ބަހާނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެއް ހަމައަކުންކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ވިދާޅުވީ މިއާއެކު ދަފްތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް ޒަކާތުގެ ގޮތުގައި 4،500 ރުފިޔާ ލިބޭނެކަމަށެވެ.
މިބަދަލަކީ ޒަކާތުގެ މަޤުޞަދުގައި ހިމެނޭ އިޖްތިމާޢީ އަދާލަތު ޤާއިމުކުރުމުގެ ގޮތުން ގެނެވުނު ބަދަލެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ކުރިން ޒަކާތް ބަހާ އުޅުނީ، އެރަށަކުން ލިބޭ ޒަކާތުގެ މިންވަރު އެކަނި އެރަށަކަށް ލިބޭ ގޮތަށެވެ. މިހާރު ތަފާތަކީ މުޅިރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި އެގޮތުން ބެހުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ފިޠުރު ޒަކާތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގެނެވުނު މިފަދަ ބަދަލުކަމަށްވެސް މިނިސްޓަރު ވިދާޅުވިއވެެ.
މިވަގުތާ ހަމައަށް މިއަހަރު ފިތުރު ޒަކާތަށް 12.4 މިލިއަން ރުފިއާ ލިބިފައިވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މާޗު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަތުން ހުކުރު، ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރު 02:00 އާއި ހަމައަށް ކުރިޔަށް ދާނެއެވެ.
ފިތުރު ޒަކާތް ދެއްކޭނެ ގޮތް:
ދިރާގު އެޕް އަދި ދިރާގު ޕޭ
އުރީދޫ އެމްފައިސާ
އެމްއައިބީ – ފައިސާ މޯބައިލް އެޕްލިކޭޝަން ނުވަތަ ވެބްސައިޓް
ބީއެމްއެލް އެޕްލިކޭޝން ނުވަތަ ވެބްސައިޓް
ފަހިޕޭ އެޕްލިކޭޝަން
ބަނޑޭރި ޕޯޓަލް
ފިޠުރުޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު ޢާންމު ގޮތެއްގައި އަހަރުތެރޭ ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަ ތަކެތި:
އާދައިގެ ހަނޑޫ
ތައިލެންޑް ހަނޑޫ
ބާސްމަތީ ހަނޑޫ
ރަތް ހަނޑޫ
ގޮދަން ފުށް
އާޓާ ފުށް
އަތޮޅުތެރޭގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުން އެ ރަށެއްގެ ކައުންސިލް އިދާރާއަކުން ހަމަޖައްސާ ގޮތެއްގެ މަތިން ބަލައިގަނެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައިވާ ފަރާތްތަކަށް ބެހުމަށް ވަނީ ހުއްދަ ދޫކޮށްފަ އެވެ.

