ރައްޔިތުންގެ ސުވާލުތަކަށް ހާއްސަކޮށް ތައްޔާރުކުރި ޕޯޓަލްއަށް އަންނަ ސުވާލުތައް ސީދާ ހުދު އެމަނިކުފާނު އަމިއްލަފުޅަށް ބައްލަވާކަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ”ރައްޔިތުންނާ އެކު“ މި ނަމުގައި ކުރިއަށް ގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ވެރިކަން ކުރަން ބޭނުންވަނީ ރައްޔިތުންނާ ގާތުން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިގެންކަމަށެވެ. އެގޮތުން މި ޕޮޑްކާސްޓުގެ ސސަބަބުންވެސް ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ލިބުމުގެ ފުރުސަތު ފުޅާވެގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްއާއި ކުރަން ބޭނުންވާ ސުވާލު ހުށައެޅުމަށް ހަމަޖައްސާފައިވާ ޕޯޓަލްއަށް އަންނަ ސުވާލުތައް އަމިއްލަފުޅަށް ބައްލަވާކަން ރައީސް ހާމަކުރެއްވިއެވެ. މިއީ މީގެ ހަފްތާއެއްހާ ކުރިން އުފެއްދި ޕޯޓަލްއެކެވެ. ”ރައްޔިތުންގެ އަޑު“ މި ޕޯޓަލްއަށް ހުށައެޅޭ ސުވާލުތަކަށް ޖަވާބު ދިނުން ކުރިއަށްދާނީ ރައީސް އޮފީހުން ސިލްސިލާކޮށް ގެންނަމުންދާ ”ރައީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިންކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މިއީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށްޓެވި ސިލްސިލާއެކެވެ. މި ސިލްސިލާގެ ތެރެއިން ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ހުށަހަޅުއްވާ ސުވާލުތަކަށް، ސީދާ ރައީސުލްޖުމްހޫރިއްޔާ ވީޑިއޯ މެދުވެރިކޮށް ޖަވާބު ދެއްވައެވެ.
މި ސިލްސިލާ މެދުކަނޑާލީ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ފުރުސަތު ދެވެމުން ނުދާތީ، ކޮންމެ ރައްޔިތަކަށް ވެސް ވީޑިއޯ ސުވާލު ހުށަހެޅޭނެ ޕޯޓަލްއެއް އުފައްދައި ބޭނުންކުރެވެން ފެށެންދެންނެވެ.

