މި ސަރުކާރަށް ކުރެވޭ ތުހުމަތުތަކާއި، ހިޔާނާތުގެ މައްސަލަތައް ފޮރުވުމަށް އަބަދުވެސް ނަގާ ހަތިޔާރަކީ އެމްޑީޕީގެ ވެރިކަންކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި މޫސަ ވިދާޅުވީ އޭނާއާއި ދެކޮޅަށް ކިރިޔާވެސް ތަހުގީގެއް ހިންގައި، މައްސަލަ ބެލޭނެ ގޮތެއް އޮތް ނަމަ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައި ދައުވާ ނުކޮށް ސަރުކާރު އޮވެދާނެކަމަށް ގަބޫލު ނުކުރެވޭކަމަށެވެ. އަދި ސިޔާސީ ގޮތުން އެންމެ ބޮޑަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުކިޔާ އެކަކަކީ އޭނާކަމަށް ވީތީ އެމަނިކުފާނު ވެސް ތަހުގީގީ އިދާރާތަކަށް މައްސަލަ ބެލުން އަވަސް ކުރުމަށް އެންގެވީސްކަމަށް ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ސަރުކާރު ބަދަލުވެގެން އައި އިރު، ހުރިހާ ލިޔެކިއުމެއް ވެސް ހުންނާނެކަން ފާހަގަކޮށް ޕެޓީ ކޭޝް ނުވަތަ ތިޖޫރީއާއި ގުޅުވައި ކުރާ ތުހުމަތުތައް ބެލުމަށް އެދިފައިވާނެކަމަށެވެ. އަދި އެފަދަ މައްސަލައެއް ބެލުމާއި މެދު އޭނާއަށް ފޯރުވޭނެ އެއްވެސް ނުފޫޒެއް ނެތްކަމަށް މޫކޭ ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރުގައި އެ މައްސަލަތައް ކުރިޔަށް ނުގެންދެވުނީ ނުފޫޒުގެ ސަބަބުންކަމަށް ބުނާއިރު، މިހާރު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރެއް ނޫންކަމުން ތަހުގީގެއް ކުރިޔަށް ނުދާންވީ ކީއްވެގެންތޯ މޫސަ ސުވާލު ކުރެއްވި އެވެ.
އަޅުގަނޑު އޮންނާނެ ބުނެފަ ތިޖޫރީއަކާއި، ތި ޕޭޓީ ކޭޝްއެއްގެ މައްސަލަ ބަލާށޭ.. މިހާރު ތިބޭފުޅުންނާއި އޭ ވެރިކަން މި ހަވާލުވީ.. ހުރިހާ ލިޔެކިއުމެއް ހުންނާނެއޭ… ހުރިހާ އެއްޗެއް ވެސް ހުންނާނެ އޭ.. ދެން އަޅުގަނޑުމެންނަށް އެއަށް ފޯރުވޭނެ ނުފޫޒެއް ނޯންނާނެ.. ކުރީގަ ވެއްޖެއްޔާ.. ހިނގަމުން ދިޔައީ ރައީސް އިބޫގެ ވެރިކަމުގައި ވެއްޖެއްޔާ ކަންކަން ނުބެލޭނެ އޭ.. މިހާރު އޮތީ ރައީސް އިބޫގެ ވެރިކަމެއް ވެސް ނޫން..
އާރުޑީސީ ކުރިން ހިންގާފައި ހުރި ގޮތާއި ގުޅޭގޮތުން، މި ސަރުކާރުގެ މެނޭޖުމަންޓުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ދެއްކި ވާހަކަތަކަކީ ވެސް އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއްކަމަށް މޫސަ ވިދާޅުވި އެވެ. އެ މައްސަލައިގައި ސިޓީއެއް ފޮނުވައި ސާފު ކުރުމަށް ބޭނުންވާ އެއްވެސް ކަމެއް އޮތް ނަމަ ސުވާލު ކުރުމަށް އެދިފައި ވީނަމަވެސް ހަ މަސް ފާއިތުވެ ދިޔައިރު ވެސް އެއްވެސް ޖަވާބެއް ނުލިބޭކަމަށް އޭނާ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ސަރުކާރުގެ އިސް ބޭފުޅުން އާރުޑީސީ ނުވަތަ އެހެން ކުންފުންޏެއްގެ ހިޔާނާތްކަމަށް ބުނެ ވާހަކަ ދައްކަނީ ރައްޔިތުންނަށް ކަމެއް އޮޅުވާލަން ޖެހޭ ހިސާބުން ކަމަށެވެ. މި ސަރުކާރާއި މެދު ޝައްކު އުފެދޭ ވާހަކަތަކެއް ފެންމަތިވުމާއި އެކު، އެމްޑީޕީގެ ވެރިކަމުގެ ވާހަކަތައް ދައްކާކަމަށް މޫސަ ވިދާޅުވި އެވެ.

