ރާއްޖޭގެ އިމިގްރޭޝަން ސާވިސްއަށް 75 އަހަރު ފުރިއްޖެއެވެ.
ރާއްޖޭގެ އިމިގްރޭޝަނަށް 75 އަހަރު ފާހަގަކުރުމުގެ ގޮތުން އެ މުއައްސަސާއިންވަނީ ތާރީހުގެ ތެރެއިން ހިދުމަތަށް އައިސްފައިވާ ބަދަލުތަކާއި ލިބިފައިވާ ކުރިއެރުންތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައެވެ. އިމިގްރޭޝަންގައި މިވަގުތު ހުންނެވި އެންމެ ދިގު މުއްދަތަށް ހިދުމަތްކުރައްވާފައިވާ މުއައްޒަފުކަމަށްވާ ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ ފާތިމަތު އާގިސާ ވަނީ ހިދުމަތް ދެއްވުމުގެ 37 އަހަރުގެ ދައުރުގައި ދިމާވެފައިވާ ކަންކަމާއި ކުރެވިފައިވާ ތަޖުރިބާތައް ހިއްސާކުރައްވާފައެވެ.
ޑިއުޓީ އަދާކުރުމުގެ ތެރެއިން ދިމާވި ހަނދާނުން ފިލައިގެން ނުދާ ދުވަހެއް އޭނާ ހިއްސާކުރެއްވިއެެވެ. އާގިސާ ވިދާޅުވީ، ދޯނި ބޭނުންކޮށްގެން އެއަރޕޯޓު އަދި މާލެ ދެމެދު ދަތުރުކުރި ދުވަސްވަރު ޑިއުޓީ ނިންމާފައި ގެއަށް ދިއުމަށްޓަކައި ފެށި ދަތުރުގެ ތެރެއިން ފޮނަދޫއާއި ހިސާބުން ވަރަށް ބޯ ވިއްސާރައަކާއި ކުރިމަތިވިކަމަށެވެ. އެ ވަގުތު ދޯނީގައި ތިބީ ތިން އަންހެން ބޭފުޅުންނާއި ބާކީ ފިރިހެން ބޭފުޅުންކަން ފާހަގަކުރެއްވިއެވެ.
އެ ވަގުތު ބޯކޮށް ވާރޭވެހެމުންދިޔަ ވަރުން ގާތުން ދިޔަ ދޯނިތަކަށް ހަނަ އަޅައި ބައްތިން އަލިކޮށް ހެދުމުންވެސް ސަމާލުކަން ނުލިބުނުކަމަށް އާގިސާ ވިދާޅުވިއެވެ. އަދި ދޯނިން ތެޔޮ ހުސްވެފައިވުމުން އޮޔާ ދާން ފެށިކަމަށާއި އިރުއޮއްސުނު ވަގުތު ގާދޫ ސަރަހައްދުން ބޭރުވެގެންދިޔަކަމަށް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެވަގުތު ދޯނީގެ ބެޓަރިވެސް ހުސްވެފައިވާކަމަށެވެ. ނަމަވެސް އެހެނިހެން ފަރާތްތަކުން ދައްކާ ވާހަކަތަކުގެ އަޑު ލިބޭކަމަށާއި އެ ދުވަހަކީ ހިތް ބިރުގަންނަ ތަޖުރިބާއެއް ކުރެއްވުނު ދުވަހެއްކަމަށެވެ. އާގިސާ ވިދާޅުވީ، ޓޯކީ އިން އިވެމުންދިޔަ ވާހަކަތަކުގެ ސަބަބުން އިތުރަށް ހިތް ބިރުގަތްކަމަށެވެ.
އާގިސާ ވިދާޅުވީ، ދޯނީގައި އެހެން ކުންފުންޏެއް ނުވަތަ މުއައްސަސާއެއްގެ މުއައްޒަފެއްވެސް ހުރިކަމަށެވެ. އެއީ އެމްއޭސީއެލްއަށް ނިސްބަތްވާ ނަސީމް ކިޔާ މީހެއްކަމަށެވެ. އަދި އެ ދުވަހު ސަލާމަތްވެގެންދިޔައީ އޭނާގެ ވިސްނުންތެރިކަމުގެ ސަބަބުންކަމަށް ގަބޫލުކުރައްވާކަމަށް ފާހަގަކުރެއްވިއެވެ. އެގޮތުން ނަސީމް ދޯނީގައި އޮތް ޓޯކީ އަދި ބޮޑު ބެޓަރީއާއި ގުޅާލުމުން ކައިރީ އޮތް ރިސޯޓަކަށް ގުޅާލެވުނުކަމަށާއި އެ ރިސޯޓުން ދޯނި އޮޔާ ދަމުންދާކަމުގެ މައުލޫމާތު އެމްއެންޑީއެފްއާއި ހިއްސާކުރިކަމަށެވެ.
އޭނާ ވިދާޅުވީ، ދޯނި ސަލާމަތްކުރީ އެމްއެންޑީއެފްއިން އައިސްގެންކަމަށާއި ނަމަވެސް މާލެއާއި ހިސާބަށް އާދެވުނުއިރު އަނެއް ދުވަހަށް އިރު އަރާފައިވާކަމަށެވެ. އަދި މާލެ ގެނައި އިރު ސިއްހީ ހާލަތު ގޯސްވެފައިވުމުން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަކަމަށާއި އެއީ ހަނދާނުން ނުފިލާ ދުވަހެއްކަމަށެވެ.

