މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒު މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައިގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްދޭން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަަަލައިނުގަންނަން އެ ކޯޓުން ނިންމައިފިއެވެ.
ހައިކޯޓުގެ ރަޖިސްޓްރީން ލިބޭ މައުލޫމާތުން އެނގޭ ގޮތުގައި، ޝަމްއާން ބަންދުކުރަން ނެރުނު އަމުރު އޭނާގެ ފަރާތުން އެ ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައި ވަނީ މިމަހުގެ 26 ގައެވެ. އެހެންނަމަވެސް އިސްތިއުނާފުގެ މައްސަލަ ބަލައިނުގަތުމަށް ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރަރ ވަނީ ނިންމަވާފަ އެވެ.
ޝަމްއާން މަގާމުން ވަކިކުރީ ގަވާއިދާ ހިލާފަށް އޮޕަރޭޝަނެއް ހިންގައި، ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް، ނަގުދު ފައިސާއާއެކު އެ ބިދޭސީން ގެންދިއުމަށްފަހު ހިނގި ހާދިސާއަކާ ގުޅިގެންނެވެ. މި މައްސަލައިގައި ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓް ޑިޕާޓްމަންޓުގައި ނުހިމެނޭ ތިން އޮފިސަރަކު ވެސް ތިބީ ބަންދުގަ އެވެ.
ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، އެ ރެއިޑުން ހިފެހެއްޓި ބިދޭސީންގެ ތެރެއިން 530,000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދޫކޮށްލެވުނީ ޝަމްއާންގެ އެންގުމަށެވެ. އަދި އިމިގްރޭޝަންގެ މުވައްޒަފުން އެ ބިދޭސީއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން ގޮސްފައިވަނީ ޝަމްއާން ދިރިއުޅޭ ގެއަށެވެ.
މީގެއިތުރުން، ފުލުހުން ޝަމްއާންގެ އެޕާޓްމަންޓް ބަލައި ފާސްކުރުމުން ބައި މިލިއަނެއްހާ ރުފިޔާއާއި ޑޮލަރު އަދި އިލެކްޓްރޯނިކް ސާމާނު ވެސް ފެނިފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލައާ ގުޅިގެން ދެ މީހަކު ފުރުން މަނާކުރުމުގެ އަމުރެއް ވެސް ކޯޓުން ނެރެފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ހާމަކޮށްފައެވެ.

