ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލު ކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނުތައް އިސްލާމީ ހަމަތަކަށް ފެއްތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވާފައި ވާތީ އެކަން ތަންފީޒު ކުރަން ފަށާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ދަރިވަރުންގެ ތައުލީމާއި ތަމްރީނަށް ސަރުކާރުން ދޫކުރާ ލޯނު އިސްލާމީ ހަމަތަކަށް ފެއްތެމަށް އަންގަވާފައިވާނެކަމަށް ރޭ ހާމަކުރެއްވީ ރައީސް މުއިއްޒެވެ. އެ އެންގެވުން ތަންފީޒު ކުރުމުގެ މަސައްކަތް ފަށައި މިނިސްޓްރީން އާންމު ކުރި ބަޔާނުގައި ވަނީ އެކަމަށް ވަގުތުން ވާން ޖެހޭ ތައްޔާރީތައް މިއަދު ފަށާފައިވާކަމަށެވެ. އަދި މިއަދުން ފެށިގެން އެ ބަދަލުތައް ގެންނަމުންދާކަމަށް މައުލޫމާތު ދިނެވެ.
ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ދަރިވަރުން ލޯނު އަނބުރާ ދައްކާއިރު ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެހެން ފީއެއް ނުނެގުމާއި ލޯނު އަނބުރާ ދައްކާއިރު މީގެ ކުރިން ނަގަމުން ދިޔަ އިދާރީ ފީ ހުއްޓާލުން އަދި މިހާތަނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތަކުން އިދާރީ ފީގެ އެއް އިންސައްތަ އުނިކޮށް އެ އަނބުރާ ދައްކަން ޖެހޭ ފައިސާގެ އަދަދަށް ހަމަޖެއްސުމެވެ.
މިނިސްޓްރީގެ ބަޔާނުގައި ވާގޮތުން، ރައީސްގެ ނިންމެވުމުން އެނގިގެން ދަނީ ފައިސާއާއި ގުޅޭ ކަންކަން އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި ބެހެއްޓުމަށް އެމަނިކުފާނު ދެއްވާ ސަމާލުކަމެވެ.
މީގެ ކުރިން ދަރިވަރުންގެ މަތީ ތައުލީމަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ އިދާރީ ފީއެއްގެ ގޮތުގައި ނަގަމުން ދިޔައީ ފަސް އިންސައްތަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޓެރްސްޓު ރޭޓު ތިން އިންސައްތައަށް ކުޑަ ކުރުމަށް ފަހު ފަހުން ބަދަލު ކުރީ އެއް އިންސައްތައަށެވެ.
ރައީސް ރޭ މިކަން އިއުލާނު ކުރެއްވި އިރު މަތީ ތައުލީމު ހާސިލު ކުރުމަށް ބޭރުގައި އުޅެމުންދާ ދަރިވަރުންނަށް ދިމަވާ ދަތިތަކުގެ މައްސަލަ ވަނީ ގޯސްވެފަ އެވެ. އަދި ލޯނަށް ކުރިމަތިލާން ހުޅުވާނުލާތީ ވެސް ދަރިވަރުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

