ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮރެންޖު ހިޔާގެ އަމަލީ މަސައްކަތް ސިފައިން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖު އިމާރާތަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުން އަވަސް ކުރުމަށް ސިފައިންނާ ހަވާލުކުރި މަސައްކަތް ޢަމަލީގޮތުން ފަށައިފިއެވެ.

އެކްސްގައި އެމްއެންޑީއެފްއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި މަސައްކަތަކީ މާލޭގައި ޚިދުމަތް ދެމުން އަންނަ ތެލެސީމިއާ ސެންޓަރު ވަގުތީގޮތުން ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖު އިމާރާތަށް ބަދަލުކުރުން އަވަސް ކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގަތުމުގެ މަތިން ޤައުމީ މަސައްކަތެއްގެ ގޮތުގައި އެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމަށް ސިފައިންނާ ހަވާލުކުރައްވައިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

އެ މަސައްކަތް ޢަމަލީގޮތުން ސިފައިން ފެށިއިރު ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ މިއަދު އެ އިމާރާތަށް ޒިޔާރަތްކުރައްވައި، ސިފައިން ކުރަމުންދާ މަސައްކަތް ބައްލަވާލައްވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް، ކާނަލް އިސްމާޢިލް ނަޞީރުއާއި އެމްއެންޑީއެފް ސަރވިސް ކޯރގެ ޔުނިޓްތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫންގެ އިރުޝާދުގެ ދަށުން މިއަދު ފެށި މި މަސައްކަތް ކުރިއަށް ގެންދަނީ އެމްއެންޑީއެފްގެ ސަރވިސް ކޯރގެ ބެލުމުގެ ދަށުން ކަމަށެވެ. އެގޮތުން އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސްއާ އޯވަރޯލްކޮށް މަސައްކަތް ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގައި، އެ އިމާރާތުގެ ކަރަންޓާއި އޭސީގެ މަސައްކަތް، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްއިން ކުރަމުންދާ އިރު، މަސައްކަތުގެ އައިޓީސީއާ ގުޅުންހުރި ހުރިހާ މަސައްކަތެއް ކުރަމުން ދަނީ އެމްއެންޑީއެފް ސިގްނަލްސްގެ ޓެކްނިކަލް ސިފައިންނެވެ. އެ އިމާރާތުގައި ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ ޑިޒައިނިންގ ޓީމުން ވަނީ އަލުން އެތަން ޑިޒައިންކޮށް، ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ގެނެސް ފައެވެ.

މި މަސައްކަތްތައް އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ކުރިން ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: