ފިތުރު އީދު ދުވަހުގެ އުފާ ފާޅުކުރަންވާނީ ހަމައެކަނި ތަނަވަސް މީހުން އެކަނި ނޫން ކަމަށާއި، ފަގީރު މީހުންނަށްވެސް އީދު ދުވަހުގެ އުފާ ލިބޭނެ ގޮތް ހަދައިދޭން ޖެހޭނެ ކަމަށް މިއަދު ކުރި އީދު ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނެފައިވާ ގޮތުގައި ރަމަޟާން މަހަށް ފަހު މުސްލިމުން ފާހަގަކުރާ ފިތުރު އީދުގައި ތަނަވަސްކަން ލިބިފައިވާ ފަރާތްތަކުން އީދު ފާހަގަކުރަންވާނީ ފަގީރުންނަށް އެހީތެރިވެ، އެފަރާތްތައް އީދުގެ އުފަލުގައި ބައިވެރިކޮށްގެންނެވެ. މިގޮތުން އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ނެރުމަށް އަންގަވާފައިވަނީ ފަގީރުންނަށް އީދު ދުވަހުގެ އުފަލުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށްވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
އީދު ނަމާދުގެ ބަރަކާތްތެރި ޖަމާޢަތަށް އެންމެން އެއްވެ ހާޒިރުވުމަކީ އިސްލާމްދީނުގެ އެއްބައިވަންތަކަމުގެ ރަމްޒެއް ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ ޖަމާޢަތްތަކުން ކުޑަކުދިންނާއި، ބޮޑެތި މީހުންނާއި، ފަގީރުންނާއި މުއްސަނދިންގެ މެދުގައި އޮންނަ ލޯބި އާއި ގުޅުން ވަރުގަދަވެގެންދާ ކަމަށްވެސް ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ފާހަގަކޮށްފައިވަނީ ދިވެހިރާއްޖެ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި، ދަރިންނަށް އިސްލާމީ ތަރުބިއްޔަތާއި ތަޢުލީމު ފޯރުކޮށްދިނުމުގެ މުހިންމުކަމެވެ. އަދި ޤައުމުގެ އިސްލާމީ ޝަޚްޞިއްޔަތު ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށް މި މަތިވެރި ޢަޤީދާ ފޯރުކޮށްދިނުމަށް އަޒުމު ކަނޑައަޅަން ޖެހޭކަމަށްވެސް ބުނެފައިވެއެވެ.
މިއަދުގެ އީދު ނަމާދުގެ މައި ޖަމާޢަތް މާލޭގައި ބޭއްވުނީ މާފަންނު ސްޓޭޑިއަމްގައެވެ. އަދި ގްރޭޓަރ މާލެ ސަރަޙައްދާއި ރާއްޖެތެރޭގެ އެހެނިހެން ރަށްތަކުގައިވެސް ބޮޑެތި ޖަމާޢަތްތައް ހަދައިގެން އީދު ނަމާދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

