ޢީދު ދިއްލުންތަކުން ކުރެވޭ މާނަތައް ކުޑަކުދިންނަށް ކިޔައިދޭންޖެހޭކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެފަދައިން ވިދާޅުވީ ޢީދު އަލިން ރާއްޖޭގެ 64 ރަށް ދިއްލާލުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
64 ރަށް ޢީދު އަލިން ދިއްލައި ދެއްވުމަށް ފަހު، އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުގައި ޢީދު ދިއްލުންތަކުން ކުރެވޭ މާނަތައް އަދުގެ ކުޑަކުދިންނަށް ކިޔައި ދެއްވުމުގައި ބޮޑެތި މީހުންގެ ދައުރެއް އޮތް ކަމަށް ވިދާޅުވެ، އެ ވާހަކަތައް ކުޑަކުދިންނަށް ކިޔައި ދެއްވުމަށް ބޮޑެތި މީހުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
ޢީދު އަލިން މުޅި ރާއްޖެ ދިއްލުމަށް ބޭއްވި ޚާއްޞަ ޙަރަކާތުގައި، ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީންނާއި، ބޭރުގެ އެމްބަސީތަކުގެ ޑިޕޮލޮމެޓުންނާއި، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރާއި، މިނިސްޓްރީގެ މުވައްޒަފުންނާއި، އާންމު ރައްޔިތުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތު ތަޢާރަފުކުރައްވާ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ޢީދު އަލިން ރާއްޖެ ދިއްލުމުގެ ޙަރަކާތުގެ މުހިންމުކަމާ، އެ ޙަރަކާތް ފެށިގެން އައި ގޮތުގެ މައްޗަށް ބައްލަވައި ލެއްވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޢީދު އަލިން ރަށްތައް ދިއްލައިލާ، ތަކުބީރުގެ މަތިވެރި ކަލިމަ އިސްޕީކަރުތަކުގެ އަޑުން ޖައްވުގައި ގުގުމާލުމަކީ ރާއްޖޭގެ އިސްލާމީ ވަޙުދަތު މަތިވެރި ކުރުމަށް ޓަކައި ކުރަންޖެހޭ ވަރަށް މުހިންމު ކަމެކެވެ.
މީގެ އިތުރުން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ޢީދު އަލިން ރާއްޖެ ދިއްލުމަކީ ރާއްޖޭގެ އެތައް ބަޔަކު އެދެމުންދާ ކަމަކަށް ވާތީ، މި ދިޔަ އަހަރު ދިއްލި ރަށްތަކުގެ އިތުރުން، އިތުރު 36 ރަށަކާއެކު، ޖުމްލަ 64 ރަށް މިރޭ ދިއްލިގެންދާ ކަމަށް ވިދާޅުވިއެވެ. އަދި މި ރަށްތައް ދިއްލުމުގައި ސްޓެލްކޯގެ މުވައްޒަފުންނާއި، ފެނަކައާއި، ކައުންސިލްތަކާއި އަދި ސަރުކާރުގެ ބައެއް ކުންފުނިތަކުން ކޮށްދެއްވި މަސައްކަތުގެ އަގުވަޒަންކޮށް އެ ހުރިހައި ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.

