އެމެރިކާ ނުވަތަ މަދަދުގާރަކު ހަމަލާދީފި ނަމަ އީރާނަށް ނިއުކްލިއަރ ހަތިޔާރު ހޯދަން ޖެހުމުގެ ފުރުސަތު އޮތްކަމަށް ބުނެ އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ހަމަނާއީގެ އެޑްވައިޒަރަކު އިންޒާރު ދީފިއެވެ.
އެމެރިކާ އަދި އީރާނުގެ ދެމެދު މަސްލަހަތު އިތުރަށް ގެއްލި މަސްރަހު ހޫނުވެފައިވާއިރު އީރާނުގެ ސުޕްރީމް ލީޑަރުގެ އެޑްވައިޒަރަކުވަނީ ނިއުކްލިއަރ ހަތިޔާރު ހޯދުމާއި ގުޅޭގޮތުން އެ ގައުމުގެ އިސް ލީޑަރު އާޔަތުﷲ އަށް ލަފާ އަރުވާފައިވާކަމުގެ މައުލޫމާތު ދައުލަތުގެ މީޑިއާއަށް ދީ އާންމުކޮށްފައެވެ.
އެމެރިކާގެ ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ރާއްޖެއާއި ގާތުގައި އޮންނަ ޑިއޭގޯ ގާސިއާއަށް އީރާނުން ހަމަލާތައް އަމާޒުކުރާނެކަމުގެ އިންޒާރު ދީފައިވާ ވަގުތެއްގައި އީރާނުގެ ސުޕްރީމް ލީޑަރުގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރާ އަލީ ލަރިޖާނީ ބުނެފައިވާގޮތުން ނިއުކްލިއަރ ބާރުވެރިކަން ހާސިލުކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް އެ ގައުމަކުން ނުގެންގުޅެއެވެ. ނަމަވެސް އެމެރިކާއިން އެ ގައުމަށް ހަމަލާއެއް ދީފިނަމަ ދިފާއުވުން ނޫން އިތުރު ގޮތެއް ނޯންނާނެކަމަށެވެ. މިއީ އީރާނުން ކުރަން ބޭނުން ނުވާ ކަމެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އެއްކޮށް ހުއްޓާލުމަށް ބާރު އަޅައި އެކަން ނުކޮށްފި ހާލަތެއްގައި ބޮމުގެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދިނުމާއި ގުޅިގެން އުފެދިފައިވާ މައްސަލައިގައި އީރާނުން ބުނެފައިވާގޮތުން އެމެރިކާއިން އަމިއްލައަށް ނުވަތަ އިސްރާއީލު މެދުވެރިކޮށްވެސް އެ ގައުމަށް ހަމަލާއެއް ދީފިނަމަ ނިއުކްލިއަރ ހަތިޔާރުތަކެއް ހޯދަން އެ ގައުމަށް މަޖުބޫރުވެގެންދާނެކަމަށެވެ. މީޑިއާތަކުން ބުނާގޮތުން ޓްރަމްޕު ދީފައިވާ އިންޒާރުގެ ފުރިހަމައަށް ސާފެއް ނުވެއެވެ. އެގޮތުން ސީދާ އެ ގައުމުން ހަމަލާ ދޭން ގަސްތުކުރާކަން ނުވަތަ އަސްކަރީގޮތުން ގުޅިފައިވާ ގައުމެއް މެދުވެރިކޮށް އެކަން ކުރާނީކަން ސާފުނުވާކަން ފާހަގަކުރެއެވެެ.
ޓްރަމްޕުގެ އިންޒާރުތަކަށް ރައްދު ދެއްވައި އާޔަތުﷲ ވިދާޅުވެފައިވާގޮތުން އެ ގައުމުން ދައްކަމުންދަނީ ގޯސްތަކެއް ހެދުމުގެ ވާހަކަ ކަމަށެވެ. ނަމަވެސް ދައްކަމުންދާ ވާހަކަތަކާއި އެއްގޮތަށް އަމަލުތައް ބައްޓަންކޮށްފި ހާލަތެއްގައި ވަރުގަދަ ރައްދެއް ދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އީރާނުގެ ފަރާތުން އދއަށް ކަނޑައަޅާފައިވާ މަންދޫބު އަމީރް ސައީދު އިރަވާނީ ވަނީ އދގެ ސަލާމަތީ ކައުންސިލަށް މި މައްސަލައިގައި ސިޓީއެއް ފޮނުއްވާފައެވެ. އޭނާވަނީ އެމެރިކާއިން ހަނގުރާމައެއް ފެށުމަށް މަސައްކަތްކުރާކަމަށް ސިފަކޮށް އެ އަމަލުތައް ކުށްވެރިކުރައްވާފައެވެ. އަދި އެމެރިކާ ނުވަތަ އެ ގައުމުގެ ބައިވެރިއެއްގެ ފަރާތުން އިރާނަށް ހަމަލާއެއް އަމާޒުވެއްޖެ ހާލަތުގައި އަވަސް ފިޔަވަޅުތަކެއްގެ މަތިން ރައްދު ދޭނެކަމުގެ އިންޒާރު ދީފައިވެއެވެ.

