ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ މިސްރާބު ރަނގަޅު!

ރައީސުލްޖުމްހޫރިއްޔާ، ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ ޖާގައިގެ ދަތިކަމަށް ޙައްލުހޯދުމަށް ތައްޔާރުކުރަމުންދާ ޢިމާރާތް ބައްލަވާލެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖެއަށް މާލީގޮތުން ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު އިޤްތިޞާދީ ރިކަވަރީއަށް އުއްމީދުކުރެވުނު ނަމަވެސް، އެކަން ޙަޤީޤަތަކަށް ހެދުމުގައި އިތުރު ހުރަސްތަކެއް ދިމާވިއެވެ. ވެރިކަން ބަދަލުވެގެން ދިޔައީ ރައްޔިތުން އޭރުގެ ސަރުކާރާމެދު ނާއުއްމީދުވެ، ޤައުމުގެ ޙާލަތު ބަދަލުކުރުމަށް ކެތްމަދުވެފައި ތިބި ދަނޑިވަޅެއްގައެވެ.

ފައިސާ ޗާޕުކުރުން ފަދަ މައްސަލަތައް ފާޅުވަމުންދިޔައިރު، ރާއްޖޭގައި ގިނަ ޕްރޮޖެކްޓުތަކެއް ފަށައި، އޭގެ ނަތީޖާ ނުފެންނަކަންވެސް ފާހަގަކުރެވުނެވެ. މާލީ ހިސާބުތަކަށް ބަލާއިރު، އެކި ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި ކޮންމެ މަހަކު އަދި އަހަރަކު ބިލިއަނުން ފައިސާ ޚަރަދުކުރަމުންދިޔަކަން ފާހަގަކުރެވެއެވެ. ނަމަވެސް ބައެއް ޕްރޮޖެކްޓުތައް އެކަށީގެންވާ ގޮތެއްގައި ފެށިފައިނުވާކަން ފާހަގަކުރެވެއެވެ. މި ކަންކަމާ ޙަވާލުވާންޖެހުނީ އައު ސަރުކާރަށެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެއްވެސް އުޞޫލެއް ނެތި، ހަމައެއް ނެތި ދައުލަތުގެ މާލިއްޔަތުން ޚަރަދު ނުކުރައްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ނުނިމި ހުރި، ރައްޔިތުންނާ ގުޅުންހުރި މަޝްރޫޢުތައް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނުގެ ފަރާތުން ލިބިފައިވާއިރު، ދުރާލާ ރޭވިފައިވާ، ހަރުދަނާ މަސައްކަތްތަކެއް ކުރައްވާނެކަން ކަށަވަރުކޮށްދެއްވިއެވެ. މިކަން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ސަރުކާރުން ކުރަމުންދާ ޚަރަދުތަކުން ފެންނަން އެބަހުއްޓެވެ. ޕްރޮޖެކްޓުތަކަށް ފައިސާ ޚަރަދުކުރަމުންދަނީ މަޝްރޫޢުތައް ކުރިއަށްދާ މިންވަރަކުންކަން، ދެކެވޭ ވާހަކަތަކާއި ކުރެވެމުންދާ ޚަރަދުތަކުގެ ތަފްޞީލުތަކުން ދޭހަވެއެވެ.

މި އަހަރު ފެށިގެންދިޔައިރު، ޕީ.އެސް.އައި.ޕީގެ ދަށުން ޚަރަދުތަކެއް ކުރެވިފައިވަނީ ޓްރާންސްޕޯޓް، ފެނާއި ނަރުދަމާ، އަދި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާތަކުންނެވެ. ތިލަފުށި-މާލެ ބްރިޖު ފަދަ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށްދާތީ، ޓްރާންސްޕޯޓް ދާއިރާއިން ކޮންމެހެން ޚަރަދުތަކެއް ކުރަންޖެހޭނެއެވެ. ހަމައެހެންމެ، ރާއްޖޭގައި ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އަސާސީ ޚިދުމަތްތައް ފުރިހަމަވެފައި އޮތުމަކީ ލާޒިމު ކަމެކެވެ. އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ރަށްތައް ރައްކާތެރިކޮށް، ދިރިއުޅެވޭނެ އިންތިޒާމުތައް ހަމަޖެހިފައި އޮތުމަކީވެސް ދެމެހެއްޓެނިވި ކުރިމަގެއް ބިނާކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކެކެވެ. މައްސަލައަކީ ޚަރަދުތަކެއް ކުރުމެއް ނޫނެވެ. މައްސަލައަކީ ނުކުރާ މަސައްކަތްތަކަކަށް ދައުލަތުގެ މާލިއްޔަތުން ފައިސާ ދޫކުރަމުން ދިއުމެވެ.

އެންމެ ފަހުން މިނިސްޓްރީ އޮފް ފިނޭންސުން ޢާންމުކޮށްފައިވާ މި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި އެކި ދާއިރާތަކުން މަޝްރޫޢުތައް ކުރިއަށް ގެންދަން ފަށާފައިވާކަން ފާހަގަކުރެވެއެވެ. މި އަހަރުގެ ތެރޭގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ދަތުރުކުރެއްވިއިރު، ރައީސް ވަނީ ޖަލްސާތަކުގައި ޢަމަލީގޮތުން ކަންކަން ކުރިއަށް ގެންދަވާނެކަން ހިއްސާކުރައްވާފައެވެ.

މާރިޗު 13 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ ޚަރަދުތަކަށް ބަލާއިރު، ވިދާޅުވި މަގުން މަސައްކަތްތަކެއް ކުރިއަށްދާކަން ފާހަގަކުރެވެއެވެ. އެ ދުވަހުގެ ނިޔަލަށް ޕީ.އެސް.އައި.ޕީގެ ދަށުން ޖުމްލަކޮށް ޚަރަދުކޮށްފައިވަނީ 576.5 މިލިއަން ރުފިޔާއެވެ. ގިނަ ދާއިރާތަކެއް ހިމެނޭއިރު، އަސާސީ ޚިދުމަތްތައް ފުރިހަމަކުރުމަށާއި ރައްޔިތުން އެދެމުންދާ ލުއިފަސޭހަތައް ހޯދައިދިނުމަށް އަމާޒު ހިފާފައިވާކަން ފާހަގަކުރެވެއެވެ.

އެންމެ ބޮޑު ޚަރަދެއް ކުރެވިފައިވަނީ ޓްރާންސްޕޯޓު ދާއިރާއަށެވެ. މި ދާއިރާއިން ބޮޑު ޚަރަދެއް ކު ޚަރަދެއް ކުރެވޭ ސަބަބުތަކުގެ ތެރޭގައި ތިލަފުށި-މާލެ ބްރިޖު ހިމެނެއެވެ. ދެވަނައަށް އެންމެ ބޮޑު ޚަރަދެއް ކުރަމުންދަނީ ބޯހިޔާވަހިކަމުގެ ހުވަފެން ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި ބިން ހިއްކުމާއި މަގު ހެދުމުގެ ދާއިރާއިންނެވެ. ތިންވަނައިގައި އޮތީ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއެވެ. މި ތިން ދާއިރާއަކީވެސް ރައްޔިތުންގެ މަޞްލަޙަތާ ސީދާ ގުޅިފައިވާ ތިން ދާއިރާއެވެ. ޖުމްލަ އަދަދުން މި މަސައްކަތްތަކުގެ ޚަރަދުތައް އުނިކުރުމުން، އެހެނިހެން ދާއިރާތަކަށް ހޭދަކޮށްފައިވަނީ 56.9 މިލިއަން ރުފިޔާކަން ފާހަގަކުރެވެއެވެ.

މި ފައިސާގެ ތެރެއިން 16.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ ތަޢުލީމީ ދާއިރާގެ މަސައްކަތްތަކަށެވެ. އަދި ކުނި މެނޭޖްކުރުމާއި، ފެންހިންދުމުގެ ނިޒާމާއި، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށާއި، ތިމާވެށީގެ ދާއިރާގެ އިތުރުން އިޔާދަކުރަނިވި ހަކަތައިގެ މަސައްކަތްތަކަށް 12.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް 9.3 މިލިއަން ރުފިޔާ އަދި އިޖްތިމާޢީ މަސައްކަތްތަކަށާއި ދީނީ މަސައްކަތްތަކަށް 8.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ. މި ކަންކަމަކީވެސް ހަމަ އިސްވެ ދެންނެވި އުޞޫލުން ރައްޔިތުންގެ މަންފާއަށްޓަކައި ކޮންމެހެން ކުރިއަރުވަންޖެހޭ ދާއިރާތަކުގެ މަސައްކަތްތައްކަން ފާހަގަކުރެވެއެވެ.

ޕީ.އެސް.އައި.ޕީގެ ތަފާސްހިސާބުތަކުން ފެންނަނީ އިސްރާފު ކުޑަކޮށް، ރައްޔިތުންނާ ގާތުން މަސައްކަތްތަކެއް ކުރެވިގެންދާ މަންޒަރެވެ. މި ޚަރަދުތަކުން ދޭހަވަނީ ސަރުކާރުން ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި ބޭނުންތަކަށް އިސްކަންދެއްވާކަމެވެ. ޚާއްޞަކޮށް ދަތުރުފަތުރު، ބޯހިޔާވަހިކަން، އަދި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް އިސްކަންދީފައިވާކަން ފާހަގަކުރެވެއެވެ.

އެހެންނަމަވެސް، މި ޚަރަދުތައް ކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މާލީ ސިޔާސަތުތައް ގެންގުޅުމަކީ މުހިންމު ކަމެކެވެ. އަދި ކޮންމެ މަޝްރޫޢެއްގެވެސް ނަތީޖާ ވަޒަންކުރެވި، ރައްޔިތުންނަށް އޭގެ މަންފާ ލިބޭކަން ކަށަވަރުކުރަންޖެހެއެވެ. ހަމައެއާއެކު، ކުރިމަގުގައި އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް ރޭވުމާއި، ޚަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަތުމަކީވެސް މުހިންމު ކަމެކެވެ.

މިހާރުގެ ސަރުކާރުން ޕީ.އެސް.އައި.ޕީގެ ދަށުން ކުރަމުންދާ ޚަރަދުތަކަކީ ރައްޔިތުންގެ ބޭނުންތަކަށް އަމާޒުކުރެވިގެން، ހަރުދަނާ އުޞޫލުތަކެއްގެ މަތިން ކުރެވޭ ޚަރަދުތަކެއްކަން ފާހަގަކުރެވެއެވެ. ނަމަވެސް، މި މަސައްކަތްތަކުގެ ކާމިޔާބީ ވަޒަންކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ކުރިމަގުގައިވެސް އިސްކަންދޭންޖެހޭނެ ކަންކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: