ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރުމުން، މެމްބަރުންގެ އިންތިހާބަށް ނެގި ދަރަނި ނުދެއްކި ދަރަނިވެރި ވެދާނެކަމަށް ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރ އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މެމްމަރުންނަށް ލިބިގެންވާ އިމްތިޔާޒުތަކުގެ ދަށުން ލިބޭ އިނާޔަތްތަކާއި އެކު، ބޮޑު މުސާރައަށް މަޖިލީހަށް އައުމުގެ ކުރިޔަށް ކޮންމެ ބޭފުޅަކު ވެސް ދެކޮޅު ހަދަ އެވެ. އަދި އިންތިހާބުގެ ކެމްޕެއިނުގައި ވެސް އެ ވާހަކަ ދައްކާއިރު، މަޖިލީހަށް އައުމަށް ފަހު މެމްބަރުން އެ ވިސްނުމާއި ދެކޮޅަށް ވާހަކަ ދައްކައި އުޒުރެއްގެ ގޮތުގައި ނަގަނީ ހަރަދު ބޮޑުވުމެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައާއި އިނާޔަތް ކުޑަކުރުމަށް ގޮވާލައި، ޕެޓިޝަނެއްގައި ސޮއި ކުރަމުން ގެންދާތީ ފަލާހު ވިދާޅުވީ، މެމްބަރުން މަޖިލީހަށް އަންނަނީ އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ކަމަށެވެ. އެހެންކަމުން މެމްބަރުންގެ މުސާރަ ކުޑަކޮށްލުމުން ނެގި ދަރަނިތައް އަދާކުރާނެ ގޮތެއް ނޯންނާނެކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރުމާއި އޭނާ ދެކޮޅެއް ނޫންކަމަށާއި އެހެން ނަމަވެސް އެ ބަދަލު ގެންނަން ޖެހޭނީ އައު ދައުރެއްގެ އިންތިހާބާއި ދިމާކޮށް ކަމަށެވެ.
އެހެންކަމުން އަލަށް މަޖިލީހަށް ވަންނަ މެމްބަރަކު މުސާރަ އެނގި ހުރެ ކުރިމަތިލައި، އެއީ ކިތަންމެ ކުޑަ އަދަދަކަސް ކުރާނެ ޝަކުވާއެއް ނޯންނާނެކަމަށް ފަލާހު ވިދާޅުވި އެވެ.
ހަމައެކަނި މެމްބަރުންގެ މުސާރައާއި މެދު އާންމުން ޝަކުވާ ކުރާތީ، އެކަމަށް ސުވާލު އުފައްދައި ފަލާހު ވިދާޅުވީ ކުރީގެ ރައީސުންނާއި ފަނޑިޔާރުންނަށް ލިބޭ އިނާޔަތްތައް ވެސް ކަނޑާލުމަށް ނުވަތަ ކުޑަ ކުރުމަށް ވިސްނަން ޖެހޭކަމަށެވެ.

