ދުނިޔޭގެ އޯޓިޒަމް ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. އެމަނިކުފާނު މި މެސެޖް ފޮނުއްވާފައިވަނީ އެކްސް މެދުވެރިކޮށެވެ.
ރައީސް މުއިއްޒު ފޮނުއްވި މެސެޖުގައި ”ކޮންމެ ދިވެހި ދަރިއަކީ މި ޤައުމަށް މުހިއްމު އަދި އެހާމެ އަގުހުރި ދަރިއެއް“ ކަމަށް ވިދާޅުވެފައިވެއެވެ. އަދި އޯޓިޒަމް ތަހައްމަލުކުރާ ކޮންމެ ކުއްޖަކީވެސް ޤައުމަށް މަންފާ ކޮށްދޭނެ އެތައް ހުނަރެއް ހުރި މޮޅު ކުދިންކަމަށާއި، އެކުދިންނަށް އަޅާލުމާއި ލޯބި ދިނުމަކީ ޤައުމީ ވާޖިބެއްކަން ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ވަނީ އޯޓިޒަމްގެ ދާއިރާއާ ގުޅޭ ގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. އެކަމަނާ ވިދާޅުވެފައިވަނީ ކުއްޖެއްގެ ކިބައިގައި ހުރި ތަފާތުކަމަކާއެކު އެކުއްޖަކު ބަލައިގަންނަން ޖެހޭކަމަށެވެ.
މެޑަމް ސާޖިދާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އޯޓިޒަމް ސެންޓަރުން ވަނީ މުޖުތަމަޢުގެ ހުރިހާ ގިންތިއަކުން އެކުދިންނަށް ލިބިދޭންޖެހޭ އެއްބާރުލުން ހޯދައިދީ، އަމިއްލަ ޙައްޤުތަކަށް ވަކާލާތުކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދުނިޔޭގެ އޯޓިޒަމް ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 2 ވަނަ ދުވަހުއެވެ.

