ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ މަހު ތެލެސީމިއާ ސެންޓަރ ހުޅުމާލެއަށް ބަދަލު ކުރެވޭނެ، ހިދުމަތް ފުރިހަމަވެފައި ޖާގަ ތަނަވަސް ވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ، ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވުން/ ފޮޓޯ: ރައިސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޭއި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ތެލެސެމީއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކޮށް، ހިދުމަތް ދެމުން ގެންދާނީ މިހާރަށް ވުރެ ފުރިހަމަކޮށް ހުރިހާ ވަސީލަތާއި އެކުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންނާ އެކު، ޕޮޑްކާސްޓުގައި ރައީސް މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ އައު ތެލެސީމިއާ ސެންޓަރ ގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށް ދާކަމަށެވެ. އަދި ސިފައިންނާއި މަސައްކަތް ހަވާލު ކުރީ އެއް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށްކަން ފާހަގަކޮށް ރައީސް ވިދާޅުވީ ސިފައިން ދަނީ ރެއާއި ދުވާލު ހުއްޓުމެއް ނެތި ތަނުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ރައީސް ވިދާޅުވީ އޮރެންޖު ހިޔާއަށް ވަޑައިގެން ތަނުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ ގޮތާއި، ސްޓްރަކްޗަރ ހުންނާނެ ގޮތް އަދި ކުރެހުންތައް އެމަނިކުފާނު ބައްލަވާލެއްވި ކަމަށެވެ. އަދި ތަނުގެ މަސައްކަތް މިހާރު ރޭވިފައި ހުންނާނީ ހުރިހާ ވަސީލަތްތަކާއި އެކު ޖާގައިގެ ގޮތުން ތަނަވަސްކޮށްކަމުގައި ރައީސް ވިދާޅުވި އެވެ.

އަހަރުތަކެއް ވަންދެން ބޭނުން ކުރަމުން އައި ތެލެސީމިއާ ސެންޓަރުގެ މިހާރުގެ ހާލަތު ހުރި ގޮތުން، ބޭނުންވާ ބައެއް ތަކެތި ބެހެއްޓޭނެ ގޮތެއް ނެތްކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވި ތަން ބޭނުން ކުރަމުން ދަނީ ކުޑަކުދިންނާއި ޒުވާނުން ވެސް އެކުގައި ތިބޭ ގޮތަށްކަމުން ތަނުގެ މާހައުލު އޮތީ އެންމެ ރަނގަޅަށް ނޫންކަމަށެވެ. އެހެންކަމުން އިންޓީރިއާއަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރިކަމަށް ފެންނާތީ އެކަމަށް ވެސް ސަމާލުކަން ދީފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ބާރަށް ކުރިޔަށް އެބަދޭ.. މިހާރު ސިފައިން އެ ފެށީ ހުޅުމާލޭގައި އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރ ހެދުމަށްޓަކައި ލިބުނު ފްލޯގެ މަސައްކަތް.. ދެން އަޅުގަނޑު ސިފައިންނަށް ދޭ ޑެޑްލައިނަކީ އެއް މަސް ދުވަސް.. ހުއްޓައިނުލައި ރެއާ ދުވާލު މަސައްކަތް ކުރާށޭ.. ދިވެހި ސިފައިންނަކީ ވަރަށް ޑިސިޕްލިން ވަރަށް ހީވާގި ބައެއް..  އަޅުގަނޑު ވެސް ބެލިން ކުރެހުންތަކާއި ހުރިހާ އެއްޗެއް.. އެތަނުން ބޭނުންވާ ގޮތަށް މެޓީރިއަލްސް ޑިޒައިން ކުރެވިފައި އެ ހުރީ.. ކުޑަކުދިންނާއި ޒުވާން ކުދިން ހާއްސަކޮށް މިހާރު ތެލެސީމިއަ ސެންޓަރ އެ އޮންނަ ގޮތުން އެހާ ހިތްގައިމެއް ނޫން.. އެއަށް ވެސް ރަނގަޅު ބަދަލުތަކެއް އިންޓީރިއަރ ވެސް ގެނެސްފައި ހުންނާނެ..

ރައީސް ވިދާޅުވި ގޮތުގައި މުޅި އިމާރާތް ބޭނުންވާ ގޮތަށް މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލެވޭނެ އެވެ. އެއަށް ފަހު މޭއި މަހުގެ 8 ވަނަ ދުވަހަކީ ތެލެސީމިއާ ދުވަސްކަމަށްވުމާއި އެކު، އެ ދުވަހަށް ތަން އެއްކޮށް ހުޅުމާލެއަށް ބަދަލު ކުރެވިގެން ދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ހުޅުމަލޭގެ ހިދުމަތް ފަށާއިރު ތަނުގައި ފުލްޓައިމް ފިޒިޝިއަނެއް ހުންނާނެކަމަށާއި، އަދި ނަރުހުން ވެސް ހޯދަން އިއުލާނުކޮށްފައިވާކަމަށް ރައީސް ވިދަޅުވި އެވެ.

ރައީސް ވިދާޅުވީ ތަން ބަދަލު ކުރާއިރު، ސާމްޕަލްތައް ބަހައްޓާނެ ޖާގަ ވެސް ހުންނާނެ ކަމަށެވެ.

އެހެންވީމަ 30 އޭޕްރިލްއަށް ނިންމާނެ އިރާދަކުރެއްވިއްޔާ.. ސިފައިން މަސައްކަތް ނިންމާނެ.. މޭއި މަހުގެ 8 އެއީ ދުނިޔޭގެ ތެލެސީމިއާ ދުވަސް.. އެ ދުވަހަށް މާލޭގައި ހުރި މަރުކަޒު ބަދަލުކޮށް ވަރަށް ފަސޭހަކަމާއި އެކު އެއްވެސް އުނދަގުލެއް ކުދިންނަށް ވެސް ދިމާ ނުވާގޮތަށް ބަދަލު ކުރެވޭނެ..

ތެލެސީމިއާ ސެންޓަރު ނިންމުމުގެ މަސައްކަތް ސިފައިންނާއި ހަވާލު ކުރީ ކީއްވެގެން ތޯ ބައެއް ފަރާތްތަކުން ސުވާލު ކުރާތީ ރައީސް ވިދާޅުވީ އެމަނިކުފާނު އިސް ކުރީ ގައުމީ ވިސްނުން ކަމަށެވެ. ގައުމަށް ދިމާވާ މިފަދަ ކޮންމެ ހައްސަސާސްކަމެއްގައި އަބަދުވެސް އެމްއެންޑީއެފްގެ ފަރާތުން އެ އެއްބާރުލުން ލިބުމަކީ އެ ނިންމުން އެގޮތަށް ނިންމި ސަބަބުކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޮރެންޖު ހިޔާއަށް އެމަނިކުފާނު ވަޑައިގެންނެވި އިރު ތަނުގެ ދެބައިކުޅަ އެއްބައި މަސައްކަތް ވެސް އޮތީ ނުނިމި ކަމަށެވެ. އަދި ކޮންޓްރެކްޓަރުނަށް ދީފައިވާ މުއްދަތު ހަމަވާން ބާކީ އޮތީ ދެ ދުވަސްކަމަށްވުމާއި އެކު އެއްބަސްވުމުގެ މުއްދަތު ދަންމާލައި އިތުރު ފައިސާއެއް ދެން ހަރަދު ކުރަން ނުފެންނަކަމަށެވެ. އެހެންކަމުން މަސައްކަތަށް ދޭން ޖެހޭ ފައިސާތައް ދޫކޮށް، މުއްދަތު ހަމަވުމާއި އެކު ސިފައިން މަސައްކަތާއި ހަވާލުވީކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ދާދި ފަހުން ތެލަސީމިއާ ސެންޓަރުގައި ހިނގައިދިޔަ ކަންކަމަށް އަލިއަޅުއްވާލައްވައި އެތަނުގެ ހާލަތު ބެއްލެވުމަށްފަހު ކަންކަން ރަނގަޅުކުރުމަށް އެޅުއްވުމަށް ނިންމެވި ފިޔަވަޅުތައް ހިއްސާކުރައްވާފައެވެ. އެގޮތުން ސެންޓަރު ހިންގުމަށް ހާއްސަ ވަކި ފަރާތެއް ނެތްކަން ފާހަގަކުރައްވައި، އެކަން އިތުރަށް ލަސްވިޔަނުދިނުމަށް ސިވިލް ސާވިސްގެ ތެރެއިން އެ މަގާމަށް އެކަށޭނަ ފަރާތްތައް ބެއްލެވުމަށްފަހު ހިންގުމަށް މިހާރު އައްޔަނު ކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: