ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ”އިންވެސްޓްކުރަން“ ނުވަތަ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭކަމަށާއި، އެފަދަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.
”ރައްޔިތުންނާއިއެކު“ ނަމުގައި ރައީސް އޮފީހުން އިންތިޒާމް ކޮށްގެން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ޕޮޑްކާސްޓްގައި ރައީސް އާއި ސުވާލުކުރީ ރައްޔިތުން ހޮސްޕިޓަލަށް ނުގޮސް ވާނެ ގޮތެއް ހޯދުމަށްޓަކައި މަސައްކަތް ކުރައްވާތޯއެވެ. ރައީސް ވިދާޅުވީ މިއީ ވަރަށް ހާއްސަ އިސްކަމެއް ދޭކަމެއްކަމަށެވެ.
ބަލިވެގެން ހޮސްޕިޓަލަށް ދިއުމުގެ ކުރިން، ބަލިވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. މިއީ އިންވެސްޓް ކުރަން ޖެހޭ ވަރަށް ބޮޑުކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. ދުރާލާ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދެވުނު ދުވަސްތަކެއްވެސް ދިޔަކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ މިކަން އަލުން ފެށުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ކުރެވޭނެ އެންމެ ރަނގަޅުކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖީލެއް ދުރު ކުރުންކަމަށް ރައީސް ވިދާޅުވިއެވެ. ރަނގަޅު ކާނާ ކެއުމަށް ބާރުއަޅާ، ރަަނގަޅު ކާނާ އަތްފޯރާ ފަށުގައި ލިބޭނެ ގޮތް ފަހިކޮށްދިނުމުގެ މަސައްކަތްތައްވެސް ކުރަމުން ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ބަލިތަކުން ދުރުހެލިވުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ހުންނަކަމަށާއި އެގޮތުން ކަޝްރަތު ކުރެވޭނެ ގޮތްތައް ފަހިކޮށްދިނުމުގެ މުހިންމުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. ރަށް ރަށުގައި ހިތްގައިމު މާހައުލެއް އޮންނައިރު، އައުޓްޑޯ ޖިމްތައް ގާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. މޫދަށް އެރެވޭނެ ގޮތަށް ރަށްތަކުގައި މަޝްރޫއުތައް ހިންގުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކުޑަކުދިންނަށް ހިތްފަސޭހަ މާހައުލެއް ގާއިމްކުރުމަށް ކުޑަކުދިންގެ ޕާކްތައް ތަރައްގީކުރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ މަސައްކަތްތައްވެސް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މާލޭ ސަލްޓަން ޕާކް ހެދުމުގެ މަސައްކަތް ފާހަގަކުރައްވާފައެވެ.
ސަލްޓަން ޕާކް ތަރައްގީ ކުރާނީ އެއްގަހުން އަނެއް ގަހަށް ދެވޭގޮތަށް، މަތީގައި އެކިކަހަލަ އެކްޓިވިޓީޒްތައް ހިމަނާފަކަމަށް ރައީސް ވިދާޅުވިއެވެ.
އެކަހަލަ ބައިބައި ހިމަނާފައި، ކުރަން ނިންމާފައި މިއޮތީ އިނގޭތޯ. ތަންކޮޅެއް ޝައުޤުވެރިވާ ކަހަލަ ގޮތަކަށް އިނގޭތޯ. އެންމެ ކުޑަކުދިންނަށް އެކަންޏެއް ނޫން.
ރައީސް ވިދާޅުވިއެވެ.
އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ހިންގޭ ޕަބްލިކް ހެލްތުގެ ކަންކަން ހަރުދަނާ ކުރެއްވުމަށާއި، ދަމަނަވެށީގެ ޚިދުމަތް ކޮންމެ އަތޮޅެއްގައި ދިނުމަށް، މަސައްކަތްޕުޅުތަކެއް ކުރައްވާކަން ރައީސް ވަނީ ޙިއްޞާ ކުރައްވާފައެވެ. އެގޮތުން މި ސަރުކާރުން ތަންފީޒުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަށައިޖެހޭ ޞިއްޙީ ޚިދުމަތުގެ ސިޔާސަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ކަންކަން މި ފަދައިން ކުރެވުމާއެކު، ޑޮކްޓަރަށް ދައްކަންޖެހޭވަރު މަދު ކުރެވި، ރާއްޖޭގައި ތިބެގެން ޞިއްޙީ ޚިދުމަތް ހޯދުމުގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މިއަދުގެ ޙާލަތު އޮތް ގޮތުން ރާއްޖެއިން ބޭރަށް ގޮސް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ޙާލަތްތައް މެދުވެރިވާކަމަށާ، ނަމަވެސް އެއީ ފަސޭހަ ކަމެއް ނޫންކަން ފާހަގަކުރައްވައި، ބަލިޖެހޭ ހިސާބުން، ރާއްޖޭގައި ތިބިގެން ފަރުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައި އޮންނަންޖެހޭ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

