އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް އެކްސްޕޯޓުކުރާ އަސާސީ މުދަލުގެ މިންވަރު އިތުރުކޮށްދީފައިވާކަމަށް އެ ޤައުމުގެ ފަރާތުން އިޢުލާނުކޮށްފިއެވެ. މިއީ 1981 ވަނަ އަހަރު ދެ ޤައުމުގެ މެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން މިހާތަނަށް އެންމެ ގިނަ މިންވަރަކަށް މުދާ އެކްސްޕޯޓުކުރުމަށް ނިންމާފައިވާ ފުރުޞަތެވެ.
އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، 2025 އަދި 2026 ވަނަ އަހަރަށް ދިވެހިރާއްޖެއަށް ބައެއް އަސާސީ މުދާ އިމްޕޯޓުކުރުމަށް ކަނޑައެޅިފައިވާ މިންވަރު އިތުރުކުރުމަށް ނިންމާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ކޯރު ވެލި އަދި އެ ބާވަތުގެ އެހެނިހެން ތަކެތި 30 އިންސައްތަ އިތުރުކޮށް، ޖުމުލަ 1،300،000 މެޓްރިކް ޓަނަށް އެކްސްޕޯޓުކުރުމަށް ހަމަޖައްސާފައިވެއެވެ.
ހަމައެހެންމެ، ދިވެހިރާއްޖެއަށް އެކްސްޕޯޓުކުރާ ބިސް، އަލުވި، ފިޔާ، ހަކުރު، ހަނޑޫ އަދި ފުށުގެ މިންވަރު 5 އިންސައްތައިން އިތުރުކުރުމަށް ނިންމާފައިވާއިރު، ދާލުގެ މިންވަރު 56 އިންސައްތައިން އިތުރުކޮށްފައިވާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އިންޑިއާއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ފާއިތުވި އަހަރުތަކުގައި އެ ޤައުމުން ހަނޑުލާއި ހަކުރު ފަދަ ބައެއް މުދާ އެހެން ޤައުމުތަކަށް އެކްސްޕޯޓުކުރުން ހުއްޓާލި ނަމަވެސް، ދިވެހިރާއްޖެއަށް މެދުނުކެނޑި މި ބާވަތްތައް ފޯރުކޮށްދީފައިވެއެވެ. އަދި އެ ޤައުމުން ”އަބަދުވެސް ދިވެހިރާއްޖޭގެ ތަރައްޤީއަށް ޚާއްޞަ ސަމާލުކަމެއް“ ދޭކަންވެސް ވަނީ ފާހަގަކޮށްފައެވެ.

