މިދިޔަ މާޗު މަހުގެ އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ 29 ވަނަ ދުވަހުގައިކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާގޮތުން ނިމިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މާޗު މަހުގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން އައި އިންސައްތަ ވަނީ 4.8 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މާޗު 1 ވަނަ ދުހުން 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 194227 ފަތުރުވެރިންކަމަށްވާއިރު މި އަހަރު އައީ 203468 ފަތުރުވެރިންކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެޕްރިލް އެއްވަނަ ދުވަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މާޗު މަސް ނިމިިގެންދިޔައިރު ރާއްޖެއަށް އެ މުއްދަތުގެ ނިޔަލަށް ޖުމުލަ 632،418 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ އޭގެ ކުރީ އަހަރަށްވުރެ 4.7 އިންސައްތަ އިތުރު އަދަދެއްކަމަށް ބުނެފައިވެއެވެ. މާޗު މަހުގެ ތެރޭގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ 29 ވަނަ ދުވަހުގައިކަންވެސް ފާހަގަކޮށްފައިވެއެވެ. އެ ދުވަހު 9605 ފަތުރުވެރިން އައިސްފައިވެއެވެ.
ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ މާކެޓް ޝެއަރއަށް ބަލާއިރު އެންމެ ކުރީގައި އޮތީ ޗައިނާއެވެ. ޖުމުލަ އަދަދުގެ ތެރެއިން 11.7 އިންސައްތަ މީހުން އައިސްފައިވަނީ އެ ގައުމުންނެވެ. ރަޝިއާއިން އައިސްފައިވަނީ 10.6 އިންސައްތަކަމަށްވާއިރު 10.3 އިންސައްތައަކީ އިނގިރޭސިވިލާތުގެ ރައްޔިތުންނެވެ. ދެން އެންމެ ކުރީގައި އޮތީ އިޓަލީ އާއި ޖަރުމަނުވިލާތެވެ.

