އިނގިރޭސިވިލާތުގެ ލިވަރޕޫލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.
ރައީސް އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި ދިވެހި ދަރިވަރުންނާއެކު ވަނީ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުމުގައި ދަރިވަރުންގެ ތައުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާތަކާއި ގުޅޭގޮތުން ރައީސް އޮޅުންފިލުއްވިއެވެ. މަތީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދެއްވުމުގައި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނޭކަމުގެ ޔަގީންކަން ރައީސް ވަނީ އެދަރިވަރުންނަށް ދެއްވާފައެވެ.
ރައީސް ވިދާޅުވީ އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނާއި ބައްދަލުކުރައްވަން ލިބިވަޑައިގަތުމުން ހިތްޕުޅު ހަމަޖެހިވަޑައިގެންނެވި ކަމަށެވެ. އަދި އެދަރިވަރުން މަތީ ތައުލީމް ހާސިލްކުރުމުގައި ލިބިފައިވާ ކާމިޔާބީތަކާއިމެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. ޤައުމުގެ ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ރައީސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.
ރައީސް ރާއްޖެއިން ބޭރަށް ކުރައްވާ މިފަދަ ދަތުރުފުޅުތަކުގައި ވަޑައިގަންނަވާ ޤައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިރައްޔިތުންނާ އަދި އެޤައުމުތަކުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނު ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާކަމެކެވެ. އެބައްދަލުވުންތަކުގައި ދިވެހީންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް އޮޅުންފިލުއްވައި، އެކަމަށް ހައްލުތައް ހޯއްދަވައި ދެއްވުމަށް އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރެވެއެވެ.
މީގެއިތުރަށް ރައީސް ވަނީ ލިވަޕޫލްގެ އަކްސާ ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތް ކުރައްވައި، ފުޓުބޯޅައިގެ ކޯޗިންގްގެ އަދި ތަމްރީނުތައް ބައްލަވާލައްވާފައެވެ. ފަހުގެ ވަސީލަތްތަކާއެކު އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައިވާ ލިވަޕޫލްގެ އަކްސާ ޓްރެއިނިންގ ސެންޓަރަށް ކުރެއްވި މިޒިޔާރަތުގައި ރައީސް ވަނީ ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާއި ކުރިއަރަމުންދާ އުންމީދީ ކުޅުންތެރީންނަށް ފުރުޞަތުތައް ފަހިކޮށްދެވޭނެ ގޮތްތައް އޮޅުންފިލުއްވާފައެވެ.

