ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، ބިރުދައްކާ، އިނގިލި ބުރިކުރަން އުޅުނު މައްސަލައިގައި ހިމެނޭ މީހަކު އަނެއްކާވެސް ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ މ. ކޮޅުފުށި، އާރެސް، ހަސަން ޣާލިބް (38 އަހަރު) އެވެ. ކޯޓު އަމުރެއްގެ ދަށުން ޣާލިބުގެ ބަންދު ވަނީ 15 ދުވަހަށް އިތުރުކޮށްފައެވެ. ކޯޓު އަމުރުގައިވާ ގޮތުން ޣާލިބަކީ ކުށުގެ ރެކޯޑް ގިނަ މީހެކެވެ.
ކުރިން ހިނގި ރަހީނު ހިފުމުގެ މައްސަލައިގައި، މިދިޔަ ނޮވެމްބަރު މަހު ހިޔާ ފްލެޓް H9 އިމާރާތުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓުން ފުލުހުން ވަނީ ރަހީނު ކުރެވިފައިވާ މީހަކު ސަލާމަތްކޮށްފައެވެ. އިންޓެލިޖެންސް މަޢުލޫމާތެއް ލިބުމާ ގުޅިގެން ހަރަކާތްތެރިވި ފުލުހުން، އެޕާޓްމަންޓަށް ވަދެ މީހާ ސަލާމަތްކުރިއިރު، އޭނާއަށް އެކި ވަރުގެ އަނިޔާތައް ދީފައިވާކަން ފާހަގަކުރެވުނެވެ.
”އޭނާގެ ބޯ ބޭލުމަށްފަހު، އިނގިލިތައް ބުރިކޮށްލުމުގެ ތައްޔާރީތައް ނަގަމުން ދަނިކޮށް ފުލުހުންނަށް ވަނީ އެ މީހާ ސަލާމަތްކުރެވިފައި،“ ފުލުހުން މަޢުލޫމާތު ދިނެވެ.
އެ މައްސަލައިގައި ހައްޔަރުކުރެވުނު 12 މީހުން މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ. ނަމަވެސް އެ މީހުންގެ މައްޗަށް ދަޢުވާ ކުރުމަށްޓަކައި މައްސަލަ ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

