ގދ. ހޯނޑެއްދޫގައި އަލިފާން ރޯކޮށް، ހުޅުޖެހުން އާންމުވެފައިވާތީ އެކަން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މިކަމާ ގުޅިގެން ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށް އިއުލާނެއް ނެރެފައެވެ.
ކައުންސިލުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރަށުގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯކުރުމުގެ މައްސަލަ މިހާރު ވަނީ އާންމުވެފައެވެ. އަދި މިއީ އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ހިނގުމަށް މަގުފަހިވެދާނެ އަމަލެއް ކަމަށް ކައުންސިލުން ވަނީ އިންޒާރުދީފައެވެ.
ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވާ ގޮތުގައި، މި އަމަލުގެ ސަބަބުން ދަނޑުބިންތަކާއި ރައްޔިތުންގެ ރުއްގަހާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިއުމުގެ ފުރުސަތު އެބައޮތެވެ. އަދި އަލިފާނުގެ ސަބަބުން އުފެދޭ ދުމުން އަވައްޓެރިންނަށް އުނދަގޫވާ ގޮތަށް އަލިފާން ރޯކުރުމަކީ އާންމު އުނދަގުލާބެހޭ ގަވާއިދުގެ ދަށުން މަނާކަމެކެވެ.
ކައުންސިލުން އަންގާފައިވާ ގޮތުގައި، އެކަށީގެންވާ ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމެއްނެތި، އާންމު ތަންތަނުގައި އަލިފާން ރޯކުރުމަކީ މަނާކަމެކެވެ. އަދި ހޯނޑެއްދޫގެ އެއްވެސް ތަނެއްގައި ގަވާއިދާ ހިލާފަށް މިފަދަ އަމަލެއް ހިންގާ ފަރާތްތަކާމެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުންދާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

