ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ގާތުން ބައްލަވަމުންދާތީ، ރާއްޖޭގެ ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.
އިންޑިއާގެ ހައިކޮމިޝަނުން ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، އެފްކޮންސް ކުންފުނިން ކުރިއަށްގެންދާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ދަށުން، ދުނިޔޭގައި މިހާތަނަށް ބިނާކުރެވިފައިވާ އެންމެ އުސް، ކުރިން ތައްޔާރުކުރެވިފައިވާ ބުރިޖެއްގެ ބައެއް ވަނީ ގެންގޮސް ހަރުކޮށްފައެވެ. މި ބައިގެ އުސްމިނުގައި 8.23 މީޓަރު އަދި ފުޅާމިނުގައި 25.37 މީޓަރު ހުރިއިރު، އޭގެ ބަރުދަނަކީ 216.04 މެޓްރިކް ޓަނެވެ.
މި މުހިންމު ލަނޑުދަނޑި ހާސިލުކުރެވުމާ ގުޅިގެން މިނިސްޓަރ މުއްތަލިބު ވިދާޅުވެފައިވަނީ، ”މި ކާމިޔާބީގެ ސަބަބުން މަސައްކަތުގެ ދުވެލި އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރާ“ކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ނިންމާލެވޭނެ ކަމަށްވެސް ސަރުކާރުން އުންމީދުކުރާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ މުއްތަލިބު ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖީ ބާލަސުބްރަމާނިޔަމްއަށް، މި މަޝްރޫޢުގެ މަސައްކަތްތައް ގާތުން ބައްލަވަމުން ގެންދަވާތީ ވަކިން ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. މި މަޝްރޫޢަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ދާއިރާގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އެއް މަޝްރޫޢު ކަމުގައި ފާހަގަކުރެވެއެވެ.

