ރައްޔިތުންގެ އަމިއްލަ ނިންމުންތަކުގެ ތެރެއަށް ވަނުމުގެ ބާރު ސަރުކާރަށް ލިބިގެންވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެކޭކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ. މިފަދައިން ފައްޔާޒް ފާހަގަކުރައްވާފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ ޖެނެރޭޝަނަލް ބޭންއާ ގުޅޭގޮތުންނެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި ”ދުންފަތް ކޮންޓްރޯލް ކުރުމުގައި ސަރުކާރުގެ ދައުރަކީ ހޭލުންތެރިކަން އިތުރުކުރުމާއި، ދުރުހެލިވުމަށާއި އެ އާދަ ނުފެށުމަށް ބާރުއެޅުން“ ކަމަށެވެ. އަދި ރައްޔިތުންގެ އަމިއްލަ ނިންމުންތައް ބަދަލުކޮށް، އެކަންކަން ހުއްޓުވުމުގެ ބާރު ސަރުކާރަށް ލިބިގެންނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިހާރު ވަނީ 2007 ވަނަ އަހަރު ނުވަތަ 2004 ވަނަ އަހަރު ނޫނީ 2000 ވަނަ އަހަރަށްފަހު އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިޢުމާލު މަނާކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައެވެ. މި މަޝްވަރާގެ މަޤްޞަދަކީ ޒުވާނުންނާއި އަންނަން އޮތް ޖީލުތައް ދުންފަތުގެ ވަބާއިން ސަލާމަތްކުރުމެވެ.
”ރައީސް މުޢިއްޒު އަދި އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންގެ ޒާތީ ކަންކަމުގެ ތެރެއަށް ވަދެގަތުމުގެ އިޚްތިޔާރު ލިބިފައިވާކަމަށް ގަބޫލުކުރޭ. މިއީ އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް“ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ފައްޔާޒް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައި، ސަރުކާރުގެ މި ހުށަހެޅުމާމެދު ނުރުހުން ފާޅުކުރައްވާފައެވެ. އަދި މިފަދަ ޒާތީ ނިންމުންތަކަކީ ރައްޔިތުންގެ އަމިއްލަ އިޚްތިޔާރުގައި އޮންނަންވާނެ ކަންކަން ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

