މާމިގިލީގައި ހުންނަ ކަނދިލި މިސްކިތް، ދިވެހިރާއްޖޭގެ ތަރިކައިގެ ރަސްމީ ލިސްޓުގައި ހިމެނުމަށް މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްއިން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މިނިސްޓަރ އާދަމް ނަސީރު އިބްރާހިމް ވަނީ މާމިގިލީ ކައުންސިލުގެ ރައީސް އިމާދު ފާރޫގުއާއެކު މަޝްވަރާތައް ކުރައްވާފައެވެ.
ކަނދިލި މިސްކިތަކީ ދިވެހިރާއްޖޭގެ އެވޭލާ ޒަމާނުގައި މިސްކިތް ހެދުމުގައި ބޭނުންކޮށްފައިވާ މަތީ ފެންވަރުގެ ހިރިގަލުގެ ފަންނީ މަސައްކަތުގެ ރީތި ނަމޫނާއެކެވެ. މި މިސްކިތަކީ ދިވެހިންގެ އަތްތެރި މަސައްކަތުގެ ލާމަސީލު މިސާލެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ހިރިގަލުގެ މިސްކިތްތަކަކީ ދިވެހިރާއްޖޭގެ ސަގާފަތުގެ މުއްސަނދިކަމާއި އިސްލާމީ ތަރިކައިގެ އަގުހުރި ނަމޫނާތަކެކެވެ. މި މިސްކިތްތަކުން 17 ވަނަ ގަރުނުގައި ދިވެހިންގެ ކިބައިގައި ހުރި އިމާރާތްކުރުމުގެ ގާބިލުކަމާއި، މުރަކަ ހިލަފަދަ ތަކެތި ބޭނުންކޮށްގެން މިސްކިތް ބިނާކުރުމުގެ ހުނަރުވެރިކަން ފެންނަން ހުރެއެވެ.
ދިވެހިރާއްޖޭގެ ތަރިކައިގެ ލިސްޓުގައި މިހާރުވެސް ހިމެނޭ ތަންތަނުގެ ތެރޭގައި މާލޭގައި ހުންނަ ހުކުރު މިސްކިތްވެސް ހިމެނެއެވެ. މި މިސްކިތަކީ ސުލްތާން އިބްރާހިމް އިސްކަންދަރު 1 ގެ ވެރިކަމުގައި ބިނާކުރެވުނު، މުރަކައިން ހަދާފައިވާ އެންމެ ރީތި މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތެވެ.

