ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުންފަތް ކޮންޓްރޯލްކުރުން: ޖެނެރޭޝަން ބޭންއާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯއާއެކު މަޝްވަރާކޮށްފި

ދުންފަތުގެ ޖެނެރޭޝަން ބޭންއާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯއާ އެކު މަޝްވަރާކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުންފަތުގެ ވަބާއިން ޒުވާން ޖީލުތައް ސަލާމަތްކުރުމަށް އަޅަން ރާވާ ފިޔަވަޅުތަކުގެ ތެރެއިން ޖެނެރޭޝަނަލް ބޭންއެއް ތަންފީޒުކުރުމާއި ގުޅޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއެކު މަޝްވަރާކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ހެލްތު މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ހެލްތް މިނިސްޓްރީއިން ބުނީ ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފުކުރުމަށް ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ޑަބްލިއުއެޗްއޯއާއި ޔުނިސެފްގެ އޮފިޝަލުންނާއި ބައްދަލުކޮށްފައިވާކަމަށެވެ. މި ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަހުމަދު ނާޒިމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީން ބުނި ގޮތުގައި ޖެނަރޭޝަނަލް ބޭން ކާމިޔާބުކަމާ އެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭ ގޮތުން އެ އިދާރާތަކުން ވަނީ މިނިސްޓްރީއަށް ލަފާދީފައެވެ.

ރައްޔިތުންނާއެކު ކުރިއަށްގެންދާ ޕޮޑްކާސްޓް ސިލްސިލާގައި ރައީސް މުޢިއްޒު ވަނީ، ދިވެހި ޒުވާނުން ދުންފަތުގެ ވަބާއިން ދުރުހެލިކުރުމަށް ސަރުކާރުން ބޮޑެތި ފިޔަވަޅުތަކެއް އަޅުއްވާނެކަން ޔަގީންކޮށްދެއްވާފައެވެ. މި ގޮތުން އެޅުމަށް ރޭވިފައިވާ އެންމެ މުހިންމު އެއް ފިޔަވަޅަކީ ވަކި ތާރީޚަކަށްފަހު އުފަންވާ ފަރާތްތަކަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރާ ޖެނެރޭޝަނަލް ބޭންއެކެވެ.

އެކްސް ޕްލެޓްފޯމްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ މި ބޭން ތަންފީޒުކުރުމަށް އެންމެ އެކަށީގެންވާ އުމުރުފުރާއަކާމެދު ތިން އޮޕްޝަނެއް ހުށަހަޅުއްވާފައެވެ. އެއީ 2007 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހަށްފަހު އުފަންވެފައިވާ ޖީލުތަކަށް ބޭންކުރުން، 2004 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހަށްފަހު އުފަންވެފައިވާ ޖީލުތަކަށް ބޭންކުރުން، އަދި 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ޖީލުތަކަށް ބޭންކުރުމެވެ. 5،000 އަށްވުރެ ގިނަ މީހުން މި ޕޯލްގައި ވޯޓުލާފައިވާއިރު، ގިނަ ބަޔަކު ތާއީދުކޮށްފައިވަނީ 2000 އަށްފަހު އުފަންވީ ކުދިންނަށް ބޭންކުރުމަށެވެ.

”18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުން ދުންފަތުގެ އިސްތިޢުމާލުކުރާތާ ގިނަ ދުވަސްތަކެއް ނުވަނީސް، އެ ނުރައްކާތެރި ވަބާއިން ސަލާމަތްކުރުމަށް މަގުފަހިވެގެންދާނެ“ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.

މި މުހިންމު ނިންމުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސް ވަނީ އެކްސް ޕްލެޓްފޯމް މެދުވެރިކޮށް ޕޯލްއެއް ހުޅުވާލައްވާފައެވެ. މި ފިޔަވަޅަކީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ކުރިމަތިވާ ސިއްޙީ އަދި އިޖްތިމާޢީ ގެއްލުންތަކުން އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމަށް އެޅޭ އެންމެ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމުގައި ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: