ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެނެރޭޝަނަލް ބޭން: ހަރުދަނާ ނިންމުންތަކަކާއެކު، ރަނގަޅު ނަތީޖާ ނެރެވިދާނެ!

އިންޒާރުގެ ފޮޓޯތަކާ އެކު ސިނގިރޭޓް ފޮށިތަކެއް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުންފަތުގެ ވަބާއަކީ ދިވެހިރާއްޖެއަށްވެސް ކުރިމަތިވެފައިވާ ނުރައްކާތެރި ޞިއްޙީ މައްސަލައެކެވެ. ދުންފަތުގެ ސަބަބުން ދުނިޔެ ދޫކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އަންދާޒާތަކުން ދައްކާގޮތުގައި، އަހަރަކު 8 މިލިއަން މީހުން ދުންފަތުގެ ސަބަބުން މަރުވެއެވެ.

ދިވެހިރާއްޖޭގައި ދުންފަތުން ދުރުހެލިވުމަށް އެކިއެކި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމުގެ ބަދަލުގައި، މި ވަބާއަށް ހުށަހެޅޭ މީހުންގެ އަދަދު އިތުރުވަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ޚާއްޞަކޮށް ޒުވާނުންނާއި ޅަފުރައިގެ ކުދިން މި ނުރައްކާތެރި އާދައަށް ހުށަހެޅެމުންދާކަން ފާހަގަކުރެވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދިރާސާތަކުން ދައްކާގޮތުގައި، ގިނަ މީހުން ދުންފަތުގެ އިސްތިޢުމާލު ކުރަން ފަށަނީ 18 އަހަރު ނުވަނީސްއެވެ. އެހެންކަމުން، ދިވެހިރާއްޖޭގައިވެސް ވަކި އުމުރުފުރައަކުން ދަށުގެ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލު ކުރުން އުމުރަށް މަނާކުރުމަކީ ވިސްނާލަންޖެހޭ ކަމެކެވެ.

ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ ބައެއް ޤައުމުތަކުން ވަނީ މި ވަބާއިން ސަލާމަތްވުމަށްޓަކައި ”ޖެނެރޭޝަނަލް ބޭން“ އެއް ތަޢާރަފުކޮށްފައެވެ. މިސާލަކަށް ނިއުޒީލެންޑް ފާހަގަކޮށްލެވެއެވެ. މި ގޮތުން ވަކި އުމުރުފުރައަކުން ފެށިގެން ދުންފަތުގެ އިސްތިޢުމާލުކުރުން މުޅިން މަނާކުރެވިފައިވެއެވެ.

ދިވެހިރާއްޖެއަކީ ޞިއްޙީ ނިޒާމު އެކަށީގެންވާ ގޮތެއްގައި ތަރައްޤީވެފައިވާ ޤައުމަކަށް ނުވާއިރު، އެކި ބާވަތުގެ ކެންސަރާއި އެހެނިހެން ބަލިތަކުން މަރުވާ މީހުންގެ އަދަދު އިތުރުވަމުންދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އެހެންކަމުން، ޖެނެރޭޝަނަލް ބޭންއެއް ތަޢާރަފުކޮށްފިނަމަ، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން މަދުކުރެވި، ޞިއްޙީ ނިޒާމުގެ ތެރެއިން އެފަދަ ކަންކަމަށް ކުރާ ޚަރަދު އެހެނިހެން ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރެވިދާނެއެވެ.

ޖެނެރޭޝަނަލް ބޭންއެއް ގެނައުމަކީ ކުއްލިއަކަށް މި ވަބާއިން ޤައުމު ސަލާމަތްކުރެވޭނެ ގޮތެއް ނޫނެވެ. އަދި މިއީ ގޮންޖެހުންތަކެއް ހުރި ކަމެކެވެ. ނަމަވެސް، ހަރުދަނާ ގޮތެއްގައި ޖެނެރޭޝަނަލް ބޭން ތަންފީޒުކޮށް، އެކަމާ ގުޅިގެން އަންނަ ބަދަލުތައް ރަނގަޅަށް މެނޭޖްކުރެވިއްޖެނަމަ، އެހެން ޤައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖެއަށްވެސް އޭގެ ފައިދާ ކުރާނެކަމަށް ގަބޫލު ކުރަން ޖެހެއެވެ.

ޖެނެރޭޝަނަލް ބޭންއަކާ ގުޅިގެން ދިމާވެދާނެ އެއް ގޮންޖެހުމަކީ ވޭޕް މަނާކުރުމާއި ދުންފަތުގެ އަގު ބޮޑުކުރުމުން އުފެދުނު ފަދަ ނުރަސްމީ ބާޒާރެއް އެހެން ގޮތަކަށް ދަންނަވާނަ ކަޅު ބާޒާރެއް އުފެދި، ފުޅާވެގެން ދިއުމެވެ. ޚާއްޞަކޮށް މާލެ ފަދަ އާބާދީ ބޮޑު ސަރަޙައްދުތަކުގައި މިއީ ބޮޑު ގޮންޖެހުމަކަށް ވެދާނެއެވެ. ނަމަވެސް، ތަންފީޒީ އިދާރާތަކުގެ މަސައްކަތްތައް ހަރުދަނާކޮށްފިނަމަ، މި ގޮންޖެހުންތަކަށް ކުރިމަތިލެވޭނެކަމަށް ބެލެވެއެވެ.

މިސާލަކަށް، ޖެނެރޭޝަނަލް ބޭންއާ ޚިލާފަށް ފިހާރަތަކުން ސިނގިރޭޓު ވިއްކާތޯ ބެލުމާއި، މުޖުތަމަޢުގެ ބައިވެރިވުން މިފަދަ ތަންފީޒީ މަސައްކަތްތަކުގައި އިތުރުކުރުމާއި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުން ހިމެނެއެވެ. އަދި ފިހާރަތަކުން ދުންފަތުގެ އިސްތިޢުމާލުކުރާ ބާވަތްތައް ވިއްކާއިރު، ޑިޖިޓަލް އައިޑެންޓިފިކޭޝަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ ވިޔަފާރިތަކަށްވެސް އިތުރު ޒިންމާދާރުކަމެއް ގެނެސްދޭނެ ކަމެކެވެ. މިއީ މުޖުތަމަޢާއި ތަންފީޒީ އިދާރާތައް ގުޅިގެން ކުރިއަށް ގެންދެވިދާނެ މަސައްކަތްތަކެކެވެ.

އަޅުގަނޑުގެ ހިޔާލުގައި ޖެނެރޭޝަނަލް ބޭންއެއްގެ އަސްލު މަފްހޫމާއި މަޤްޞަދުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަކީ އެންމެ ފުރަތަމަ ކުރަންޖެހޭ މުހިންމު ކަމެކެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީގެ ޚިދުމަތް ފަސޭހައިން ލިބެން ހުންނަންވާނެއެވެ. އަދި މިފަދަ ބޭންއެއް ތަޢާރަފުކުރާއިރު، ޒުވާނުންގެ ބައިވެރިވުން ހިމެނޭގޮތަށް އެކިއެކި ޙަރަކާތްތަކާއި ޕްރޮގްރާމްތައް ރޭވުމަކީވެސް މުހިންމު ކަމެކެވެ. މިއީ ޖެނެރޭޝަނަލް ބޭންއަކަށް ތައްޔާރުވުމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ.

މި ކަންކަން ހަރުދަނާ ގޮތެއްގައި ތަންފީޒުކުރެވިއްޖެނަމަ، ދުންފަތުގެ ވަބާއިން ދިވެހިރާއްޖޭގެ ރައްޔިތުން، ޚާއްޞަކޮށް ޒުވާނުން ދުރުހެލިކުރުމަށްޓަކައި ނަތީޖާ ރަނގަޅު މަސައްކަތްތަކެއް ކުރެވި، ދުޅަހެޔޮ، ދުންފަތުން މިނިވަން މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: