ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) މެދުވެރިކޮށް އައްޑޫގައި ކުރިއަށް ގެންދާ ޕްރޮޖެކްޓުގެ ސަބަބުން ލިންކްރޯޑް ހަލާކުވެފައިވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
އައްޑޫގެ މަގުތަކުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި އާރުޑީސީއާއި އެކު މަސައްކަތްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު އެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި މަސައްކަތްތައް އިންތިޒާމުކުރުމަށްޓަކައި ރާވަމުންދާތާ ދުވަސްތަކެއް ވެފައިވާކަމަށެވެ. އަދި ވިދާޅުވީ، މި މަސައްކަތްތަކަކީ 829 މިލިއަން ރުފިޔާއިން އަގުކުރެވޭ ޕްރޮޖެކްޓެއްކަމަށާއި 2028 ވަނަ އަހަރަށް ޕްރޮޖެކްޓު ނިންމާލުމަށް އަމާޒުކުރައްވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ޕްރޮޖެކްޓުގެ ތެރޭގައި ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި މިހާރުވެސް އިންޑިއާގެ ލޯނު އެހީގެ ދަށުން އައްޑޫގައި ކުރިއަށްދާ ޕްރޮޖެކްޓުގެ ތެރެއިން ބައެއް މަގުތަކުގައި ތާރައެޅުން ހިމެނޭކަމަށެވެ. މުއްތަލިބު ވިދާޅުވީ، މި ޕްރޮޖެކްޓުގެ ތެރޭގައި ފޭދޫގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްތައް ވެސް ހިމަނުއްވާފައިވާނެކަމަށެވެ. އެެއީ އައްޑޫގައި ފެންބޮޑުވުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވާ ސަރަހައްދުގައިކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ، އެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަސައްކަތްތަކަކާއި ގުޅިގެން ފެންބޮޑުވުމުގެ މައްސަލަ އިތުރަށް ގޯސްވެފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ތާރައެޅުމުގެ މަސައްކަތްތަކުގެ ތެރެއިން ހިތަދޫގައި 32 ކިލޯމީޓަރު އަދި މަރަދޫގައި 9 ކިލޯމީޓަރާއި މީދޫގައި 12 ކިލޯމީޓަރުގެ އިތުރުން ހުޅުދޫގައި 13 ކިލޯމީޓަރު މަގު ސަރަހައްދެއްގައި ތާރައަޅާނެކަމަށެވެ.
މުއްތަލިބު ވިދާޅުވީ، ލިންކްރޯޑްގެ މަސައްކަތްތައް ކުރުމަށްޓަކައި 12.3 ކިލޯމީޓަރު ސަރަހައްދެއް އައު ކުރެވިގެންދާނެކަމަށެވެ. އެގޮތުން ފޭދޫގައި 1.8 ކިލޯމީޓަރާއި މަރަދޫއިން ފޭދޫއާއި ހިސާބަށް 2.6 ކިލޯމީޓަރާއި ހައިވޭގައި 5.5 ކިލޯމީޓަރު ހިމެނޭއިރު ހިތަދޫގެ 2.4 ކިލޯމީޓަރުވެސް ހިމެނޭނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، މުޅިން އަލަށް 5.5 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތްވެސް ކުރެވިގެންދާނެކަމަށާއި އެއީ ފޭދޫ އާއި ހިތަދޫގެ އިތުރުން މީދޫގެ މަގުތައްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މިއީ މިހާތަނަށް އައްޑޫގައި ހިންގޭ އެންމެ ބޮޑު މަގު ހެދުމުގެ މަސައްކަތްތައްކަމަށާއި މި މަޝްރޫޢު ނިމިގެންދާއިރު ލިންކްރޯޑް ހަލާކުވެފައިވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެކަމަށެވެ.

