ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު ޒަހަމްތަކަކާއިއެކު މަރާލައިފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑުގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފިއެވެ.
ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ނުހަދާ އޮތުމުންނާއި ޒަކިއްޔާ މަރާލީ ކަމަށް ބުނެ ހޮޅުދޫގެ ގިނަ ރައްޔިތުން ގެންދަނީ އިހުތިޖާޖު ކުރަމުންނެވެ. ފުލުހުންގެ ޓީމެއް މިދިޔަ ހަފްތާގައި އިންޑިއާއަށް ގޮސް ސީޓީ ސްކޭނާއި އެމްއާރުއައި ބޭނުންކޮށްގެން ޒަކިއްޔާގެ ހަށިގަނޑުގެ ތްރީޑީ މޮޑެލްއެއް ތައްޔާރުކޮށް ވާޗުއަލް އޮޓޮޕްސީއެއް ހަދައިފައިވާ ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.
މީގެކުރިން އޮޓޮޕްސީ ނުހެދި ނަމަވެސް ޒަކިއްޔާގެ ހަށިގަނޑު އެ ވަގުތު މާލޭގައި ހުރި ޕެތޮލޮޖިސްޓް ޑޮކްޓަރަކަށް ވަނީ ދައްކާފައެވެ. އަދި ޕެތޮލޮޖިސްޓްގެ ހޯދުންތަކާ ހަވާލާދީ ފުލުހުން ބުނެފައިވަނީ އެހެން މީހެއްގެ ފުށުން ލިބޭ ޒާތުގެ އަނިޔާއެއް ޒަކިއްޔާގެ ހަށިގަނޑުގައި ފެންނަން ނެތްކަމަށް ލަފާ ދީފައިވާ ކަމަށެވެ. އަދި އޭނާގެ ހަށުގަނޑުން ”ހެސިޓޭޝަން މާކްސް“ ނުވަތަ ވަޅި އަޅަން ނުކެރިގެން އަޅާފައިވާ ޒާތުގެ ނިޝާންތަކެއް ފެނުނުކަމަށް ވެސް ބުނެފައިވެއެވެ.
ހާދިސާ ހިނގިތަނުގައި އެހެންމީހެއްގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށާއި، ޒަކިއްޔާގެ ކަރުގެ ދެފަރާތުގައި ގިނަ ޒަހަމުތަކެއް ހުރި ކަމަށް ވަނީ ބުނެފައެވެ. އަދި މޭމަތިން ވަތްކެތްގެ ނިޝާން ފާހަގަވި ނަމަވެސް އެއީ މީހެއްގެ ފަރާތުން ލިބޭ ވަރުގެ ނިޝާނެއް ނޫން ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު އޭރު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ ބޭރަށް ފޮނުވައިގެން އޮޓޮޕްސީއެއް ނުހެދީ، އޭރު މާލޭގައި ޕެތޮލޮޖިސްޓެއް ހުރުމުން ބޭރަށް ފޮނުވައިގެން އޮޓޮޕްސީއެއް ހެދުމުގެ ބޭނުމެއް ނެތުމުން ކަމަށެވެ.
މި މައްސަލާގައި ފުލުހުން ހިންގަމުންދާ ތަހުގީގާ ގުޅޭ ގޮތުން އާންމުންގެ ޝައްކުތައް ގިނަވެފައިވާތީ މި ތަހުގީގުގައި އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައި ވެސް ވަނީ ބައިވެރިކޮށްފައެވެ.

