އެމްޑީޕީގެ އާދަޔާ ހިލާފު ކޮންގްރެސްއެއް ބޭއްވުމާއި މެދު ގޮތެއް ނިންމަން އަންނަ ހޮނިހިރު ދުވަހުގެރޭ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ”ސަންގަށް“ ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ 20:30 ގައި އެ ޕާޓީގެ އޮފީހުގައި ބާއްވާ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ އެމްޑީޕީެ ކުރިމަގު ބައްޓަން ކުރުމަށް ލީޑާޝިޕުން އެކުލަވާލައިފައިވާ މަގުޗާޓގައި ހިމެނޭ ދެ ކަމެއް ކަމަށެވެ.
އެއީ ލީޑާޝިޕްގެ ރެޕިޑް ރެސްޕޮންސް ޓީމެއް އެކުލަވާލުމާއި އަދި އާދަޔާ ހިލާފު ކޮންގްރެސްއެއް ބޭއްވުމާއި މެދު ގޮތެއް ނިންމުމާއި އެ ކޮންގްރެސްއާއި ގުޅޭ ގޮތުން ނިންމަން ޖެހޭ ކަންކަން ނިންމުން ކަމަށެވެ.
އެމްޑީޕީގެ ކޮންގްރެސްއެއް ފެށުމަށް ނިންމާފައިވާއިރު އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއްކޮށްލުމުގެ އަޑުތަކެއް ވަނީ ގަދަވެފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވި މި ހިޔާލަށް ދެ ޕާޓީގެ ބައެއް ބޭފުޅުން ތާއިދު ކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.
ކޮންގްރެސްއެއް ބޭއްވުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ ޕާޓީގެ އެތެރޭގައި ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ބޮޑުވެފައި ވަނިކޮށެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ރިޔާސީ ޕްރައިމަރީގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކާމިޔާބު ހޯއްދެވެން އޮތް ފުރުސަތުތައް ބެލުމުގެ މަސައްކަތް، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ ފައްޓަވާފައި ވާއިރު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރިޔާސީ ޓިކެޓަށް ޕާޓީގެ އެތެރޭގައި ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.
މީގެއިތުރަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަޕޯޓަރުން އެމަނިކުފާނު ނުކުންނެވުމަށް ބާރުއަޅާ ކެމްޕެއިނެއް ވަނީ ފަށާފައިވާއިރު ރައީސް ސޯލިހު ނުކުންނަވާނެ ކަމުގެ އަޑުތައް ގަދަވެފައިވެއެވެ.

