ޓުއަރިޒް އަދި ތިމާވެއްޓާއި ބެހޭ ދެ ވުޒާރާއަކީވެސް ގުޅިލާމެހިފައިވާ ދެ ވުޒާރާ ކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވައިރޮންމެންޓް، ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މިނިސްޓަރ ޠާރިޤް ވިދާޅުވީ އެންވައިރޮމެންޓް އަދި ޓުއަރިޒަމް، މި ދެ ވުޒާރާ އެއްކޮށްލީ ވަރަށް މުހިންމު މަގްސަދެއްގައި ކަމަށެވެ. 70 ވަރަކަށް އިންސައްތަ ފަތުރުވެރިން ރާއްޖެ އަންނަނީ، މި ރާއްޖޭގެ ގުދުރަތީ މާހައުލު ބަލާލައި ނުވަތަ މިތަނުގެ ރީތިކަން ދެކިލަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޓުއަރިޒަމްގެ ތެރެއިންވެސް ތިމާވެށީގެ ބައި އަންނަކަމަށެވެ.
ފަތުރުވެރިން ރާއްޖެ އަންނަ އެއް ސަބަަކީވެސް ރާއްޖޭގެ ހިތްގައިމު ރީތި މާހައުލު ބަލާލާ، ތަޖުރިބާކޮށްލަން ކަމަށް ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެހެން އެކަން އޮތުމުން ޓުއަރިޒަމް އާއި އަދި ތިމާވެށި އޮންނަީ ގުޅިލާމެހިފައި ކަމަށެވެ. އެހެންކަމުން އެ މިނިސްޓްރީ އެއްކޮށްލުމަކީ މުޅި އިންޑަސްޓްރީ ދެމެހެއްޓިނި ގޮތެއްގައި ކުރިއަށް ގެންދަން ވަރަށ ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑު މި ވުޒާރާ އާއި ހަވާލުވީ އިރު އިންޑަސްޓްރީގައި ވަރަށް ބައިވަރު މަސައްކަތް ކުރެވެމުން ދަނީ. އެހެންނަމަވެސް އަޅުގަނޑު މިހާރު ހަވާލުވީ ފަހުން އިތުރަށް އިންޑަސްޓްރީ ހަރުދަނާކޮށް މިނިސްޓްރީ ހިންގުމުގެކަންތައްތައް އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ދޭންޖެހޭ ނުވަތަ ޓުއަރިޒް އިންޑަސްޓްރީއަށް ދޭންޖެހޭ ސާވިސް އަވަސް ކުރުމަށް ކުރަންޖެހޭ ކަންތައްތަކެއް އަޅުގަނޑުމެން ކުރަމުން މިގެންދަނީ“
އިންޑަސްޓްރީ ހަރުދަނާ ކުރުމަށް ކުރައްވާ އެކި މަސައްކަތުގެ ތެރެއިން އިންޑްސްޓްރީން މިނިސްޓްރީއަށްލާ ބައެއް ކުރެހުންތަކާއި ޑޮކިއުމެންޓުތައް ލަސްވެގެންދާ ކަމުގެ ޝަކުވާ އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެ މައްސަލައަކީ މިނިސްޓްރީއަށް ބޭނުންވާ ރިސޯސަސް ނެތުމުން ދިމާވާ މައްސަލައެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެއިތުރަަށް މިނިސްޓަރ ވިދާޅުވީ އެތަކެއް ރިސޯޓުތަކެއް ހިނގަމުންދާއިރު އަދި 150އަށް ވުރެ ގިނަ ރިސޯޓުތަކެއް ހަދަމުންވެސް ދާއިރު އަންނަ އެޕްރޫވަލް ޕްރޮސެސްތައް ލަސްވުމުން އެކަމުގެ ޝަކުވާ އަންނަ ކަމަށެވެ. އެހެންކަމުން އެކަންކަން ރަނގަޅު ކުރާނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވާ އެކަންކަން ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

