މި އަހަރުގެ ފެބްރުއަރީ މަސް ނިމުނުއިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވުގައި ހުރި އަދަދު 832.1 މިލިއަން ޑޮލަރަށް އަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.
އެމްއެމްއޭގެ އެންމެ ފަހުގެ އިކޮނޮމިކް އަޕްޑޭޓުން ދައްކާގޮތުގައި، މިއީ މި އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ. ޖެނުއަރީ މަސް ނިމުނުއިރު ރިޒާވުގައި ހުރީ 708.1 މިލިއަން ޑޮލަރެވެ. އަދި 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 41 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާކަމަށް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއިން މުދާ އެކްސްޕޯޓުކޮށްފައިވާ މިންވަރު ވަނީ 5 އިންސައްތަ އިތުރުވެފައެވެ. މި އިތުރުވުން އައިސްފައިވަނީ މައިގަނޑު ގޮތެއްގައި ކަޅުބިލަމަހާއި ކަންނެލި އެކްސްޕޯޓުކުރި މިންވަރު އިތުރުވުމުގެ ސަބަބުންނެވެ. ނަމަވެސް، ޖެޓް ފިއުލް ރީއެކްސްޕޯޓުކޮށްގެން ލިބޭ އާމްދަނީ ވަނީ ދަށްވެފައެވެ.
އިމްޕޯޓުތަކަށް ބަލާއިރު، މި އަހަރުގެ ފެބްރުއަރީ މަހު އިމްޕޯޓުކުރި މިންވަރު ވަނީ 1 އިންސައްތަ އިތުރުވެފައެވެ. މި އިތުރުވުމުގައި ކޮންސްޓްރަކްޝަން ސާމާނާއި، ކާބޯތަކެއްޗާއި، ފަރުނީޗަރު އަދި ފިޓިންގްސް އެތެރެކުރި މިންވަރު އިތުރުވުން ހިމެނެއެވެ. އެހެންނަމަވެސް، ޕެޓްރޯލިއަމްގެ ބާވަތްތަކާއި، ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ސާމާނު، ކަރަންޓުން ހިންގާ ސާމާނު، މެޝިނަރީ އަދި ދުންފަތުގެ ބާވަތްތައް އެތެރެކުރި މިންވަރު ވަނީ ދަށްވެފައެވެ.

