ކްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔަ ބަންދުގެ މައްސަލައަކަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ބަންދާއި މެދު ގޮތެއް ނިންމަން އިރުޝާދު ދިންކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ކުރާ ތުހުމަތުތައް ފަނޑިޔާރު އަނެއްކާވެސް ދޮގު ކުރައްވައިފިއެވެ.
އެކަމާ ގުޅޭގޮތުން ”ސަންގަށް“ މައުލޫމާތު ދެއްވަމުން މަހާޒްގެ ވަކީލު މުޙައްމަދު ފައިސަލް ވިދާޅުވީ، އާދިއްތަ ދުވަހުވެސް މަހާޒް ޖޭއެސްސީއަށް ހާޒިރުވެ ޖަވާބުދާރީވެފައިވާ ކަމަށެވެ. އެގޮތުން މައްސަލައާ ގުޅޭގޮތުން 6 އޭޕްރީލްގައި ލިއުމުން ހުށަހަޅާފައިވާ ތަފްސީލީ ޖަވާބާ ގުޅޭގޮތުން ޚުލާސާ ގޮތެއްގައި ވާހަކަ ދައްކަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މަހާޒްގެ ވަކީލު ވިދާޅުވީ، ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނު އެއްވެސް ފަރާތެއްގެ ބަންދަށް ފަނޑިޔާރު މަހާޒް ނުފޫޒު ފޯރުވާފައިނުވާނެ ކަމަށެވެ. އެކަން މިއަދުގެ ބައްދަލުވުމުގައިވެސް ތަކުރާރު ކުރައްވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ތުހުމަތު ކުރާ ކްރިމިނަލް ކޯޓުގެ ބަންދުގެ ޝަރީއަތަކީ، މަހާޒަށް އެނގިވަޑައިގެންފައި އޮތް މައްސަލައެއް ވެސް ނޫންކަމަށެވެ. އެހެންކަމުން ޖޭއެސްސީން ސުވާލު ކުރުމުން އެ ތުހުމަތުތައް މުތުލަގަށް ދޮގު ކުރައްވާފައި ވާނެކަމަށް ވިދާޅުވި އެވެ.
ބަންދުގެ ޝަރީއަތާއި ގުޅުވައި މަހާޒް އެއްވެސް މީހަކާއި ބައްދަލުކޮށް، އެއްވެސް މުއާމަލާތެއް ކުރައްވާފައި ނުވާނެކަމަށާއި ރެކޯޑުތަކުން ކަން ހިނގައިދިޔަ ގޮތް ފެންނަން އޮންނާނެކަމަށް ފައިސަލް ވިދާޅުވިއެވެ.
މި މައްސަލައިގައި ވަރަށް ސާފުކަމެއް އެއީ ފަނޑިޔާރު މަހާޒް އެއްވެސް ނުފޫޒެއް ނުފޯރުވާކަން، އެކަންކަން ލިއެކިއުންތަކުގެ އަލީގައި އަޅުގަނޑުމެން ވާނީ ސާފުކޮށްދީފައި
ފައިސަލް ވިދާޅުވީ، މި ބައްދަލުވުމަށްފަހު ޖޭއެސްސީގެ ޕެނަލްއިން ފައިނަލް ރިޕޯޓެއް އެކުލަވާލާނެ ކަމަށާއި، އެއަށްފަހު މައި ކޮމިޝަނަށް ފޮނުވައި، ކޮމިޝަންގައި ޖަވާބުދާރީވުމަށްވެސް މަހާޒަށް އިތުރު ފުރުސަތެއް ދެއްވަން ޖެހޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިމި އަމުރު ނެރެން ކުޑަތަންވެފައި ވަނިކޮށެވެ.
ސަސްޕެންޑު ކުރި ފަނޑިޔާރުންގެ ތެރެއިން، ހުސްނުއްސުއޫދު އިސްތިއުފާ ދެއްވިއިރު ކުރާ ތުހުމަތުތަކަށް ރައްދު ދީ ބަޔާން ނެރުއްވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

