ޗައިނާ ކައުންސިލް ފޯރ ޕްރޮމޯޝަން އޮފް އިންޓަރނޭޝަނަލް ޓްރޭޑް (ސީސީޕީއައިޓީ) އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ 11ވަނަ ޗައިނާ-އަރަބް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ޓްރޭޑްއިން ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނެފައި ވަނީ، މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވާނީ ޗައިނާގެ ހައިނާން ޕްރޮވިންސްގައި ކަމަށެވެ.
މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.
މި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފައިވާއިރު، އެ މައުލޫމާތު ޗައިނާ ސަރުކާރުން އެ ވުޒާރާއަށް ހިއްސާކޮށްފައިވާކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޗައިނާގައި ބާއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސްގައި، ހަކަތަ، ޑިޖިޓަލް އިކޮނޮމީ އަދި އެހެނިހެން އީޖާދީ ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން އިތުރަށް ބުނެފައި ވަނީ، މި ކޮންފަރެންސްގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، މިނިސްޓްރީގެ އިއުލާނުގައި ހިމަނައިފައިވާ އެޕްލިކޭޝަން ލިންކު މެދުވެރިކޮށް، 17 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން international@trade.gov.mv އަށް އީމެއިލް ކުރެވުމަށް އެދޭކަމަށެވެ.
ޗައިނާ-އަރަބް ކޮންފަރެންސަކީ ޗައިނާއާއި އަރަބި ގައުމުތަކުގެ މަސްލަހަތު ހިމެނޭ ގޮތުގެ މަތިން،ސްޓްރެޓެޖިކް ކޮލަބަރޭޝަންގެ ތެރެއިން އަރަބި ގައުމުތަކީ ޗައިނާގެ ގުޅުމާއި އެކު ހައްލުތައް ހޯދުމަށް އިގްތިސާދާއި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އިތުރުން ކުރިއެރުވުމުގެ މަގުސަދުގައި ”ކޮލަބަރޭޓިން ފޯ ޕްރޮސްޕެރިޓީ“ ގެ ޝިއާރުގެ ދަށުން ބާއްވާ ކޮންފަރެންސްއެކެވެ.

