އައްޑޫގައި ފަތުރުވެރިކަމުގެ ހިދުމަތް ދިނުމަށް ތަރައްގީ ކުރި، ޝަންގްރިއްލާ ރިސޯޓު ހުޅުވައި އަލުން އޮޕަރޭޝަނަށް ގެނައުމަށް އަނެއްކާވެސް މަތީ ފަންތީގެ ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، މި ސަރުކާރުން ވެސް ޝަންގްރިއްލާގެ މައްސަލަ ހައްލު ކުރުމަށް ތަފާތު އެކި ތާރީހުތައް ދިންނަމަވެސް މުއްދަތު ފަހަނަޅައިދާއިރު ވެސް ރިސޯޓު އޮޕަރޭޝަނަށް ގެނެވިފައި ނުވެއެވެ.
ހިންގުން ހުއްޓިފައި އޮންނަތާ އަހަރުތަކެއްވެފައިވާ ޝަންގްރިއްލާގެ މީގެ ކުރިން ސަރުކާރުގެ އޮތީ 30 އިންސައްތަ ހިއްސާ އެވެ. އަދި އެ ހިއްސާ ދޫކޮށްލީ ރައީސް ސޯލިހުގެ ސަރުކާރުގައެވެ.
ޖޮއިންޓް ވެންޗަރ އުސޫލުން ހިންގަމުން އައި ރިސޯޓުގެ ކަންކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ބަލާފައި ނެތްކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ. އެމަނިކުފާނުގެ ދައުރުގައި ވެސް އެކި ތާރީހުތައް ދީ މައްސަލައަށް ހައްލެއް އަންނާނެކަމަށް ވިދާޅުވި ނަމަވެސް، މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ.
އެހެން ނަމަވެސް އޭރު ރައީސް ސޯލިހު ވިދާޅުވީ ރިސޯޓުގެ ހިއްސާ ދޫކޮށްލުމަށް ބެލިއިރު، ކުންފުނި ހިންގާފައި އޮތީ ގެއްލުމެއްގައިކަމަށެވެ. އަދި ހިއްސާ އޮތީ ނެގެޓިވްގައިކަން ފާހަގަކޮށް ވިދާޅުވީ ހިއްސާ ދޫކޮށްލަން 70 މިލިއަން ޑޮލަރު ބޭނުންވާކަމަށެވެ. އެމަނިކުފާނު އެފަދައިން ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު، އައްޑުއަށް ވަޑައިގެން އޮތް ޖަލްސާއެއްގަ އެވެ.
އެއަށް ފަހު އުފެދުނު މި ސަރުކާރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތީ ވެރިކަމުގެ ފުރަތަމަ އަހަރު ޝަންގްރިއްލާ ރިސޯޓު ހުޅުވައި ހިދުމަތް ފެށުމެވެ. އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރ މުހައްމަދު ފައިސަލް އައްޑުއަށް ވަޑައިގެން، ތަނުގެ ހާލަތު ވެސް ބައްލަވާފައި ވެއެވެ.
އަނެއްކާވެސް މަސައްކަތްތައް ފަށައި ބޭއްވި ބައްދަލުވުމުގައި ޓޫރިޒަމް އެންޑް އެންވައިރޮމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމްއާއި އެކު ބައިވެރިވެވަޑައިގަތީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރ މޫސާ ޒަމީރުއާއި ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ.
ބައްދަލުވުމުގެ މައުލޫމާތުތައް ހާމަކޮށް ޓޫރިޒަމް މިނިސްޓްރީން ބުނީ ޝަންގްރިއްލާގެ ސީނިއަރ މެނޭޖްމަންޓާއި އެކު ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރީ ތަނުގެ މަސައްކަތްތައް އަވަސް ކުރުމަށް ކަމަށެވެ. އަދި އެކަމުގައި ސަރުކާރަށް ދެވެން އޮތް އެހީތައް ބަލާފައިވާނެކަމަށް ވިދާޅުވި އެވެ.
ޝަންގްރިއްލާ ހުޅުވުން އަވަސް ކުރުމަށް މަޝްވަރާ ކުރިއިރު އެނގިފައިވާ ގޮތުން، ތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. އަދި 2020 ގެ ކޮވިޑު-19 ގެ ހާލަތާއި އެކު ތަން އެއްކޮށް ބަންދު ކުރިފަހުން މަރާމާތުގެ ކަންކަން ކުރިޔަށް ނުގެންދާކަމަށް މައުލޫމާތު ލިބެއެވެ.
ބައެއް ފަރާތްތަކުން މައުލޫމާތު ދެމުން ބުނެފައި ވަނީ، ޝަންގްރިއްލާ ހުޅުވުމަށް ރިސޯޓެއް އަލުން ތަރައްގީ ކުރުމަށް ހިނގާނެ ހަރަދު ދާނެކަމަށް ބެލެވެއެވެ.

