ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ ރައީސް ޑރ މުޙައްމަދު މުއިއްޒު ދަންނަވައިފިއެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ އަހަރެއް، ދަހަރެއް، ސައްތައެއް، އަދި ސާސްކަފެއްވެސް ދިވެހީން ކަޑައްތުކުރާނީ ދިވެހިބަހަށް އިސްކަންދެމުން ކަމަށެވެ.
ރައީސް ވިދާޅުވީ، ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީވެސް ދިވެހިބަސް ކަމަށެވެ. ރައީސް ވަނީ ޒަމާނާ އެއްގޮތަށް ދިވެހިބަސް ދިރެމުން އާލާވަމުން ދިއުމުގެ ފޮނި އުންމީދުތަކާއިއެކު ދިވެހިބަހުގެ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.
ޒަމާނުގެ ކޮންމެ ފުރޮޅުމަކާއި ކުރިއެރުމަކާއި ފައިހަމަކުރަމުން، ދިވެހިބަސް ދިރެމުން އާލާވަމުން ދިއުމުގެ ފޮނި އުންމީދުތަކާއިއެކު ދިވެހިބަހުގެ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރަން.
އޮފީސްތަކާއި ޚަބަރު ފަތުރާ ވަސީލަތްތަކާއި، ތަޢުލީމާއި، މުޢާމަލާތުގެ ހުރިހައި ދާއިރާއަކުންވެސް ދިވެހި ބަހަށް އިސްކަން ދިނުމަށް ރައީސް މުއިއްޒު ވަނީ ގޮވައިލައްވައިފައެވެ.
ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހަކީ ދިވެހި ބަހުގެ ދުވަހެވެ. އެގޮތުން ދިވެހިބަހުގެ ދުވަސް ނިސްބަތް ކުރެވެނީ ފަޟީލަތުއްޝައިޚް އަލްމަރްޙޫމު ޙުސައިން ޞަލާޙުއްދީނަށެވެ.

