ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ މުޙައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ތައުޒިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއި އެކު ކަމަށެވެ.
މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދަކީ، ދިވެހިބަހުގެ އަދީބެއްކަން ފާހަގަ ކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، އޭނާއަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީޚު ދުށް ކުޅަދާނަ ލިޔުންތެރިއެއް އަދި ތަރުޖަމާކުރުންތެރިއެއް ކަމަށެވެ.
މަޑުލު މުޙައްމަދު ވަޙީދަށް ލިޔުންތެރިކަމަށް ޚިދުމަތްކުރުމުގެ ރޮނގުން 1985ވަނަ އަހަަރު އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. ކުރުވާހަކަ ލިޔުމުގެ ރޮނގުން 1997ވަނަ އަހަރު އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ.
މީގެ އިތުރުން، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަން ކުރި އެރުވުމުގެ ރޮނގުން 2019ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ޙާޞިލުކުރައްވާފައިވެއެވެ. ހަމައެއާއެކު، ދިވެހި ނޫސްވެރިކަމުގެ އަލިމަސް ގަލަންވެސް ލިބިވަޑައިގެންފައި ވެއެވެ.
ގިނަ ދަރިވަރުންތަކަކަށް ކިޔަވައިދެއްވާފައި ވެއެވެ. ބައި ގަރުނަށް ވުރެ ދިގު މުއްދަތަކު ޤައުމަށް އެ ކޮށްދެއްވި އަގުހުރި ޚިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެއެވެ. މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މާތްﷲ މިންވަރުކުރައްވާށިއެވެ. ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ! އާމީން.
ހަމައެއާއެކު، އޭނާއަކީ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ޚިދުމަތުގައި ދެމި ހުންނެވި ފަރުވާތެރި ޚިދުމަތްތެރިއެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

