ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ އެޑިޝަނަލް ލޯނުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާ ދެމެދު ސޮއިކުރެވިއްޖެއެވެ. މި އެއްބަސްވުމުގެ ދަށުން 63.75 މިލިއަން ސަޢޫދީ ރިޔާލް މި މަޝްރޫޢަށް ލިބިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރެވެ. ސަޢޫދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާންމުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލްމުރްޝިދެވެ.
މި އިތުރު މާލީ އެހީ ލިބުމާއެކު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް އަވަސް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މި މަޝްރޫޢު ނިމުމުން ރާއްޖޭގެ އިޤްތިޞާދަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމުމުން، އިތުރު ފަތުރުވެރިންނާއި އެއަރލައިންތަކަށް ޚިދުމަތް ދިނުމުގެ ޖާގަ ލިބި، ފަތުރުވެރިކަމާއި ވިޔަފާރި އަދި ދަތުރުފަތުރުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ޤައުމީ އުފެއްދުންތެރިކަމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

