އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުން ބައެއް ހިޔާލުތައް ބަންޑާރަ ނައިބު އަހުމަދު އުޝާމްއާއި ބައްދަލުކޮށް ހޯދައި މިއަދު ގޮތެއް ނިންމާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު، ބާރަށު ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ.
މި އިސްލާހުގައި ވަނީ ރާއްޖެ އެތެރެ ނުވެވޭ މީހުންގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން، ޑުއަލް ޕާސްޕޯޓު ހިމެނޭ ގޮތުން ބޭން ކުރުމަށެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށް ހުށަހެޅި އިސްލާހުގެ ދިރާސާ 241 ކޮމިޓީގައި ތާށިވެ، އެ މަސައްކަތުގެ ތަފްސީލެއް ނުލިބޭތީ މިފަހުން ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރި އެވެ. އަދި ބިލުގެ މަސައްކަތް މި އަހަރުގެ ފެބްރުއަރީއަށް ނިންމަން މިދިޔަ އަަހަރު ނިންމުމަށް ފަހު އަނެއްކާވެސް އެ މުއްދަތު ޖުލައި މަހަށް ބަދަލު ކުރި އެވެ.
ކޮމިޓިއިން ވަނީ މީގެ ކުރިން ފަތުރުވެރިކަމުގެ އެކި ޖަމިއްޔާތަކާއި، ކަމާއި ގުޅުން ހުރި އެކި އިދާރާތަކާއި ބައްދަލުކޮށްފަ އެވެ. އަދި މިއަދު ބައްދަލުވުމެއް ކުރިޔަށް ގެންދިޔައީ، ބިލާއި ބެހޭ ގޮތުން މަޝްވަރާ ނުކުރާތާ ގިނަ ދުވަސްތަކެއް ގެނައުމަށް ފަހު އެވެ. އެކަމަކު މިއަދުގެ ބައްދަލުވުމުގައި ބޮޑު ބައި ކުރިޔަށް ގެންދިޔައީ އޮފްދަ ރެކޯޑުގައި ނަމަވެސް އިމިގްރޭޝަނުން ހުށަހެޅި، ހުށަހެޅުމުގެ ބައެއް މައުލޫމާތުތައް ވަނީ ލިބިފައެވެ.
މި އިސްލާހަށް އިމިގްރޭޝަނުން ހުށަހެޅީ، އިޒްރޭލުގެ ޕާސްޕޯޓު އޮތް އެއްވެސް މީހަކަށް އެތެރެ ނުވެވޭ ގޮތަށް އޮތް އޮތުން ބަދަލު ކުރުމަށެވެ. މީކާއިލް ހުށަހެޅި ބިލުގައި ވަނީ އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުންނާއި، އެ ގައުމުގެ އެހެން ޕާސްޕޯޓެއް ނުވަތަ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް ވެސް ރާއްޖެ އައުން މަނާ ކުރުމަށެވެ. އެހެން ނަމަވެސް އިމިގްރޭޝަނުގެ ހުށަހެޅުމުގައި ވަނީ، ރާއްޖެއަށް ހަމައެކަނި އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެ ނުވެވޭ ގޮތަށް އިސްލާހު ގެނައުމަށެވެ.
އިމިގްރޭޝަނުން އެގޮތަށް ހުށަހެޅީ، އެ މީހެއްގެ އަތުގައި ދެ ގައުމެއްގެ ޕާސްޕޯޓު ނޫނީ ޑުއަލް ސިޓިޒެންޝިޕް އޮންނަކަން ކަށަވަރު ކުރެވޭނެ މެކޭނިޒަމްއެއް ނެތުމުންނެވެ. އެހެންކަމުން މިހާރު ބިލުގައި އޮތް ގޮތަށް، އިސްލާހު ގެނެސްގެން އެގޮތަށް ތަންފީޒު ނުކުރެވޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުން 30 މިނެޓަށް ދިގު ދެމިގެން ދިޔަ ނަމަވެސް، ބޮޑު ބައި ކުރިޔަށް ގެންގޮސްފައި ވަނީ މައިކުގެ އަޑު ކަނޑާލުމަށް ފަހު އޮފް ދަ ރެކޯޑުގަ އެވެ. އަދި ހަމައެކަނި މައިކް އޮންކޮށް ބައްދަލުވުން ކުރިޔަށް ގެންދިޔައީ ފުރަތަމަ ފަސް މިނެޓާއި، އެ ސެޝަން ނިންމާލަމުން އިތުރު ބައްދަލުވުމެއް ބޭއްވުމަށް އިއުލާން ކުރުުމުގެ ބައި އެކަންޏެވެ.
އެހެންކަމުން ކޮމިޓީގައި މެމްބަރުންގެ މެދުގައި އިތުރަށް މަޝްވަރާ ކުރެވުނު ބައިތައް ސާފެއް ނޫނެވެ.
ނިންމަވާލައްވަމުން ސަލީމް ވިދާޅުވީ ދައުލަތުގެ މައްސަލައިގައި ތައާރަޒުވުމެއް އުޅޭތީ، ބަންޑާރަ ނައިބާއި މަޝްވަރާ ކުރުމަށް ބޭނުންވާކަމަށެވެ. އެހެންކަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމްއާއި ބައްދަލުކޮށް، 2 ޖަހާއިރު އިތުރު ކޮމިޓީ ބައްދަލުވުމެއް ބާއްވާނެކަމަށް ވިދާޅުވި އެވެ.
ސަލީމްގެ ވާހަކައިން އެނގޭ ގޮތުން، ވިސްނުމަކީ މިއަދު އިޒްރޭލު ޕާސްޕޯޓާއި މެދު ގޮތެއް ނިންމުމެވެ.
އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމާއި ގުޅޭގޮތުން ނޫސްވެރިންގެ ސުވާލުތަކަށް އުޝާމް ވިދާޅުވެފައި ވަނީ ޕާސްޕޯޓު އޮންނަ އެންމެނަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އޮތް އޮތުން ބަދަލު ކުރަން ޖެހޭކަމަށެވެ.

