ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މި ހިނގަމުންދާ ސަރުކާރުން ކުރަމުންދާކަމަށް ދިފާއީ ވަޒީރު ގައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.
ސިފައިންގެ ހިދުމަތާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ އަސާސީ ތަމްރީނު ކޯހުގެ 71 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިޔާތުގައި ވާހަކަދައްކަވަމުން ގައްސާން ވިދާޅުވީ، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެކަންކަމުގެ ނަތީޖާ ޙާސިލު ކުރެވި، މިއަހަރުގެ ތެރޭގައި ކަނޑުގެ އަދި އެއްގަމުގެ ބާރަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ގައްސާން ވިދާޅުވިއެވެ.
ގައްސާން އިތުރަށް ވިދާޅުވީ، މަޤާމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެންވެސް ރައީސް މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވާ ސިޔާސަތެއްގެ ގޮތުގައި ހާސިލުކުރައްވަން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަކީ ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު އޭގެ އެންމެ ފުރިހަމަ މާނާގައި ހިމާޔަތްކުރުމަށް ކަމަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ، އަސާސީ ތަމްރީނު ކޯހުގެ 71 ވަނަ ބެޗުގެ ދަސްވެނިވުން ބާއްވާފައިވަނީ ގިރިފުށި ޓްރެއިނިންގ ސެންޓަރުގައެވެ.
މި ރަސްމިއްޔާތުގައި، ޝަރަފުވެރި މެހެމާން، ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫން ވަނީ ލަޝްކަރު ބަލައި ފާސްކޮށްދެއްވުމަށް ފަހު، ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.
ސިފައިންގެ 71 ވަނަ އަސާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑާއި ކޯހުގެ ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަކަށް ދެވޭ ”ކޮމާންޑަރ މޮޓަރ ޙަސަން މަނިކު އެވޯޑް“ ހާސިލުކޮށްފައިވަނީ ރެކްރޫޓް ފަޞުޙާ އަޙްމަދު (ސ.ނ 8823) އެވެ.
މި ކޯހުން 115 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އެއީ 105 ފިރިހެން ދަރިވަރުންނާއި 10 އަންހެން ދަރިވަރުންނެވެ.
އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2024 އޮކްޓޫބަރު 19 އިން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ހިންގި މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ ޅ.މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގައެވެ.
މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ސިފައިންގެ ޢަޒުމް ލައިދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް އަދުނާން ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ސިފައިންގެ އޮފިސަރުންނާއި ކޯހުގެ މުދައްރިބުންނާއި، ކޯހުގެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.

